ބަންގްލަދޭޝް އަށް ދާ އަދި އެ ޤައުމުގައި އުޅޭ ދިވެހިންވެސް ސަމާލުވެ ރައްކާތެރިވެ އުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިފަދައިން އިލްތިމާސްކޮށްފައި މިވަނީ ބަންގްލަދޭޝްގައި ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާއާއި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.
ސިވިލް ސަރވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާއި ދެކޮޅަށް ކުރި މުޒާހަރާތައް ހޫނުވެ އިއްޔެ ވަނީ ބައެއް އިމާރާތްތަކުގައި ހުޅު ޖަހާފައެވެ. މި ހާދިސާތަކުގައި ސާޅީހަކަށް މީހުން މަރުވެފައިވާއިރު ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އިންޓަނެޓް ވެސް ކަނޑާލައި، ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ހުރިހާ ހައި ސްކޫލް ތަކާއި އިސްލާމީ ތަޢުލީމު ދޭ މަރުކަޒުތަކާއި ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވެސް ވަނީ ވަގުތީގޮތުން ބަންދުކުރަން އަންގާފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ސަރުކާރުން އަންގާ ގޮތަށް ތަބާވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ބޭރަށް ނުކުމެ ނޫޅުމަށާއި ރާއްޖޭގެ ހައި ކޮމިޝަނުގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނާއި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެއްވެސް ދިވެހި ރައްޔިތަކު ސަރުކާރުގެ އެހީތެރިކަން ބޭނުން ނަމަ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅުމަށް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.



