އެންމެހައި ޖިންނީންނާއި އިންސީން ހައްދަވައިފައިވަނީ މާތް ﷲ އަށް އަޅުކަން ކުރުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އަސާސަކީ ތައުޙީދު ކަމަށާއި، އެއީ އެންމެ ފުރަތަމަ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އެ ކަމަކަށް އީމާންވުމަށް އަމުރުކުރައްވައިފައިވާ ކަންތައް ކަމަށެވެ.
ޚުތުބާގައި ބުނީ މާތް ﷲ ފޮނުއްވި އެންމެހައި ނަބިއްޔުންނާއި ރަސޫލުން ވެސް ވަޑައިގެންނެވީ ތައުޙީދުގެ މަތިވެރި އަޤީދާއާއިގެން ކަމަށެވެ. އަދި އެކަލާނގެ ބާވައިލެއްވި އެންމެހައި ފޮތްތައް ބާވައިލެއްވުނީ މި މާތް އަޞްލުގެ މަތީގައި ކަމަށް ޚުތުބާގައި ބުންޏެވެ.
ތަޢުހީދަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝިރުކުގެ އެންމެހައި ޢަމަލަކުން ދުރުހެލިވެ ރައްކައުތެރިވުމެވެ. މި ގޮތުން ތައުޙީދުގެ ބައިތަކުގެ ތެރޭގައި ހިމެނޭ ތިން ބައިގައި ވެސް އެކަލާނގެ އެއްކައުވަންތަކޮށްގެން މެނުވީ މި މަތިވެރި ޢަޤީދާ ޙާޞިލު ނުކުރެވޭނެކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ އަޅުތަކުންގެ މައްޗަށްވާ މާތް ﷲގެ އެންމެ މަތިވެރި ޙައްޤަކީ އެކަލާނގެއަށް ޝަރީކު ނުކޮށް ހުރިހައި މާނައެއްގައި އެކަލާނގެ އެއްކައުވަންތަކުރުން ކަމަށެވެ. އަދި އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެކަލާނގެއަށް ޝަރީކުނުކުރާ މީހަކަށް ޢަޛާބު ނުދެއްވުން ކަމަށް ޚުތުބާގައި ބުންޏެވެ.
ކީރިތި ޤުރްއާނާއި، ކީރިތި ރަސޫލާގެ ޙަދީޘްތަކުގެ ޢަލީގައި ޢިލްމުވެރިން ތައުޙީދު ބައްސަވާފައިވާއިރު ފުރަތަމަބަޔަކީ ރުބޫބިއްޔަތުގައި އެކަލާނގެ އެއްކައުވަންތަ ކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ މާތް ﷲ އަށް ޚާއްޞަވެގެންވާ ކަންކަމުގައި އެކަލާނގެއަށް ޝަރީކުކުރުމުން ދުރުހެލިވުން ކަމުގައި ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ތައުޙީދުގެ ދެވަނަ ބަޔަކީ ހުރިހައި އަޅުކަމެއް ހަމައެކަނި މާތް ﷲ އަށް އަދާކުރުން ކަމަށެވެ. ތައުޙީދުލްއުލޫހިއްޔާއަކީ އަޅުކަމުގެ ގޮތުން ކުރެވޭ ހުރިހައި ކަމެއް އެކަލާނގެއަށް ޚާލިޞްކުރުމާއެކު އަޅުކަމުގެ އެއްވެސް ކަމެއްގައި އެކަލާނގެ ފިޔަވައި އެހެން ފަރާތެއް ބައިވެރިކުރުމަކާނުލައި އަޅުކަންކުރުން ކަމަށް ޚުތުބާގައި ބުންޏެވެ. އޭގެ ތެރޭގައި ނަމާދުކުރުމާއި، ރޯދަހިފުމާއި، ދުޢާކުރުމާއި، ނަދުރުބުނުމާއި، ޤުރުބާންކުރުމާއި، ބިރުވެތިވުމާއި، ކަންކަމުގައި ވާތްގަށް އެދި ދެންނެވުމާއި، އަޅުކަމުގެ ގޮތުން ކުރާ މި ފަދަ ހުރިހައި ޢަމަލެއް ހަމައެކަނި އެކަލާނގެއަށް ޚާލިޞްކުރުން ހިމެނޭކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ތައުޙީދުގެ ތިންވަނަ ބަޔަކީ ތައުޙީދުލްއަސްމާއި ވައްޞިފާތި ކަމަށެވެ. އެއީ މާތް ﷲގެ އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެކަލާނގެ އެއްކައުވަންތަކުރުން ކަމަށް ޚުތުބާގައި ބުންޏެވެ.



