އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ފާސްވިނަމަވެސް، ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލް އަށް ކިޔެވޭނެ ގޮތަށް އުސޫލު ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މި ނިންމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ވަނީ ހުރިހާ ސްކޫލުތަކަށް ސާކިއުލާއެއް ފޮނުވައި، ގްރޭޑް 11 އަދި 12 ގައި ކިޔެވުމުގެ އުސޫލަށް ބަދަލުގެނެސްފައިވާކަން އަންގާފައެވެ.
މީގެ ކުރިން ސަރުކާރުގެ ސްކޫލްތަކުގައި އޭލެވެލް އަށް ކިޔަވަން ފުރުޞަތު ދެމުން އައީ އޯލެވެލް އިމްތިހާނުގައި މަޖުބޫރު ހަތަރު މާއްދާއާއި އިތުރު އެއް މާއްދާއާއެކު ޖުމްލަ ފަސް މާއްދާއިން ދަށްވެގެން ސީ ފާސް ލިބިގެން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ގެނަ ބަދަލާއެކު ތިން މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށްވެސް އޭލެވެލް އަށް ވަނުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
އައު އުސޫލުގެ ދަށުން، ތިރީގައި ދަންނަވާފައިވާ ޝަރުތުތަކުގެ ތެރެއިން ކޮންމެވެސް އެއް ޝަރުތެއް ފުރިހަމަވާ ދަރިވަރުންނަށް އޭލެވެލް އަށް ވަނުމުގެ ފުރުޞަތު ލިބޭނެއެވެ.
- އޯލެވެލް އިމްތިހާނުގައި ދިވެހި ނުވަތަ އިސްލާމް މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބުމާއެކު، ސައިންސް ނުވަތަ ބިޒްނަސް ސްޓްރީމުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބުމާއެކު، އިތުރު އެއް މާއްދާއިން ދަށްވެގެން ސީ ފާހެއް ހޯދުން.
- އޯލެވެލް އިމްތިހާނުގައި ތިން މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
- އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭނެއްގެ ދަށުން (އައިއީޕީ) އިމްތިހާނު ހަދާ ދަރިވަރުން ނިންމާ އިމްތިހާނުގައި ބައިވެރިވި މާއްދާތަކުގެ ތެރެއިން ދެ މާއްދާއިން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
- ކުދިން ކިޔަވަން ބޭނުންވާ މާއްދާ ނުވަތަ މާއްދާތަކުން ސާނަވީ ނިންމައި އިމްތިހާނަކުން ދަށްވެގެން ސީ ފާހެއް ލިބިފައިވުން.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ސްކޫލްތަކުގައި ޖާގަ ހުރިނަމަ، ވީގާވެސް ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ މަޤުޞަދުގައި ކަމަށެވެ. އަދި މިއީ ކުރިން ގްރޭޑް 11 އަދި 12 އަށް ވަދެވޭ ކްރައިޓީރިއާގެ އިތުރުން ގެނެސްފައިވާ ބަދަލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.



