ކުރިން ހަފްތާއަކު އެއް ފަހަރު އުކާލާ ކުނި މީގެފަހުން ކޮންމެ ދުވަހަކުވެސް އުކާލެވޭ ގޮތަށް ބަދަލު ގެނެސްފިއެވެ. މިގޮތަށް ބަދަލުވީ ކުޅުދުއްފުށީ ސިޓީގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ހިދުމަތް ދޭން ފެށުމާއި ގުޅިގެންނެވެ.
ބުދަ ދުވަހު ވެމްކޯގެ ޚިދުމަތް އިފްްތިތާޙު ކޮށްދެއްވުމުގެ ކުރިން ކުޅުދުއްފުށީ ގެތަކަށް ކުނި ކަލެކްޓުކުރަން އަންނަނީ ކޮންމެ ހަފްތާއަކު އެއްފަހަރު އެވެ. އޭރު މި ޚިދުމަތް ދެނީ ޢާންމު ފަރާތްތަކުން ކޮންމެ ގެއަކުން މަހަކު 100 ރުފިޔާ ޗާޖުކުރާ ގޮތަށެވެ. ނަމަވެސް ވެމްކޯގެ ބުރާންޗަކާއެކު މި ގެނައި ބަދަލަކީ ކުޅުދުއްފުށީ ސިޓީއަށް މުހިއްމު ބަދަލެކެވެ. ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ މި މަސައްކަތް ކުޅުދުއްފުށީ ސިޓީގައި އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

މިރަސްމިއްޔާތުގައި އަބްދުއްރަހީމް ވަނީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކެމްޕޭން ވައުދުތައް ފުއްދައިދިނުމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައިވާތީ އެކަމަށް ތައުރީފު ކުރައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މުޅި ރާއްޖޭގައި އާބަން ސެންޓަރުތައް ތަރައްގީކުރުމަށް ރައީސް މުއިއްޒު ވަރަށް ބޮޑަށް އިސްކަމެއް ދެއްވައެވެ. އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރާއި އިގްތިސާދީ ފުރުސަތުތައް ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ތަރައްޤީގެ މަސައްކަތްތައް އާބާދީގެ ބޭނުންތަކާ އެއްގޮތް ކުރުމަށް މިހާރުގެ ސަރުކާރުން ވަރަށް މުހިންމު ކަމެއް ދެއްވާ ކަމަށް ވިދާޅުވެފައެވެ. އާބަން ޑިވެލޮޕްމަންޓަށް އިސްކަންދީގެން، ސަރުކާރުގެ އަމާޒަކީ، ހުރިހާ ރައްޔިތުންނަށް ހިދުމަތާއި، އުމްރާނީ ތަރައްގީ، އަދި އިގްތިސާދީ ކުރިމަގު ހޯދައިދެވޭނެ ދެމެހެއްޓެނިވި އަދި ކުރިއަރަމުން އަންނަ ސިޓީތަކެއް އުފެއްދުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީގައި ވެމްކޯގެ ހިދުމަތް ދޭން ފެށުމާއެކު އެރަށު ގެތަކުގައި އުކާލެވޭ ތަކެތި ރައްކާތެރިކަމާއެކު އުކާލުމުގެ ފުރުސަތު ފަހިވެގެން ދާނެއެވެ.



