ސަރުކާރުން ހިންގާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ފައިސާ ދޭ ގޮތަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށްދޫކުރާއިރު ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުކޮށްފިއެވެ.
މީގެ ކުރިން އޮތް ގޮތުން ބިން ނުވަތަ ފަޅު ކުއްޔަށް ހިފުމަށް ހުށަހަޅާފައިވާ ފަރާތުން މަޝްރޫޢަށް ޚަރަދުކުރަން ކަނޑައަޅާ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ދަޢުލަތަށް ދައްކަން ޖެހެއެވެ. ނަމަވެސް މި ގެނަ ބަދަލާއެކު ރަށް، ފަޅު ނުވަތަ ބިމަކަށް ޖެހޭ ޖުމްލަ އަދަދު 10 މިލިއަން ޑޮލަރު (153 މިލިއަން ރުފިޔާ)އަށްވުރެ ބޮޑުވާނަމަ އެ އަދަދުގެ 50% ކުލީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަން ޖެހޭނެއެވެ. އަދި ބާކީ ފައިސާ އަހަރު ނިމުމުގެ ކުރިން ދައްކަން ޖެހޭނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށާއި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގާނެ މުހިންމު މަޝްރޫޢުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު: 2024/6 ގައި ބަޔާންކޮށްފައިވާ މަޝްރޫޢެއްގެ މުޤާބިލުގައި ރަށްރަށާއި ބިންބިމާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅޭނެކަމަށެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ޤަވާޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޕްރޮޕޯސަލް ހުށަހެޅޭނެކަމަށާއި އިޢުލާނާއި ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމު އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ އީމެއިލް cross-subsidy@tourism.gov.mv އަށް އީމެއިލް ކުރުމުން ސާފުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.



