ތޮއްޖެހުން ކުޑަ ކުރުމަށާއި ޓްރެފިކް މައްސަލަތައް ޙައްލުކުރުމަށް ހުޅުމާލޭގެ މަގުތަކަށް ބަދަލު ގެނައުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީން ބުނީ ޓްރެފިކް މައްސަލަތައް ޙައްލު ގެނައުމަށްޓަކައި ބަދަލު ގެނައުމަށް ނިންމާފައިވަނީ ހުޅުމާލޭގެ 11 ސަރަޙައްދަކަށް ކަމަށެވެ.
މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގަން މެދުވެރިވާތީ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި މަގުތައް ބާރުބޮޑުވުމުގެ ސަބަބުން މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މަގުތަކަށް ބަދަލުގެނައުމަށްޓަކައި 11 ސަރަޙައްދެއް ކަނޑައަޅާފައިވަނީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަޙައްދުތައް ކަމަށެވެ.
އެޗްޑީސީން ބުނީ މި މައްސަލަތައް ޙައްލުކުރުމަށްޓަކައި ބައެއް ސަރަޙައްދުތަކުގައި ވައްބުރު (ރައުންޑެބައުޓްސް) ޤާއިމްކުރަން ނިންމާފައިވާކަމަށެވެ. އަދި ބައެއް ސަރަޙައްދުގައި މަގު ނިޝާންތައް ހަރުކުރުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މަގުތަކަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނެސް، ސައިން ބޯޑުތައް ނުވަތަ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި އަމާޒަކީ މި އަހަރުގެ ތެރޭގައި މި މަސައްކަތް ނިންމާލުން ކަމަށް އެޗްޑީސީން ބުންޏެވެ.
މި މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ހުޅުމާލެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށް ކަމަށެވެ.



