ރައީސް މުއިއްޒުގެ ސަރުކާރަށް އަށް މަސް ދުވަސް ވީއިރު، މިދުވަސްވަރަކީ އެމްޑީޕީގެ ވެރިކަމުން ވާރުތަވި އެތައް މައްސަލަތަކެއް އިސްލާހު ކުރުމަށް ވަރުގަދަ މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެކެވެ.
ފާހަގަކޮށްލަން ޖެހޭ އެންމެ މުހިއްމު ކަމަކީ، ނިމިދިޔަ ރިޔާސީ އިންތިހާބު ޕީއެންސީއިން ކާމިޔާބު ކުރާނެކަން އެނގުމާއެކު އެމްޑީޕީ ސަރުކާރުން ކުރި ކަމަކީ ގައުމުގައި ނެތް ފައިސާއަކަށް އަދި ލިބެންވެސް ނެތް ފައިސާއަކަށް އެތައް ޕްރޮޖެކްޓެއްގައި ސޮއިކުރީއެވެ. ދައުލަތުގެ ޚަޒާނާގައި ހުރި ހުރިހާ ފައިސާއެއް ނަގައި ވޯޓުތައް ގަންނަންވެގެން އެ ފައިސާތައް ބަހާލީއެވެ. ކުރުކޮށް ބުނާނަމަ ފިނޭނެސް މިނިސްޓަރާއި ގަވަރުނަރުވެސް ކަނުބަނދެފައި ބެހެއްޓުމަށްފަހު ދައުލަތުގެ ތިޖޫރިތައް ދޮވެ ސާފުކޮށްލީއެވެ. އެއީ އެމްޑީޕީއަށް ވެރިކަން ގެއްލި ޕީއެންސީއަށް ވެރިކަން ލިބިއްޖެނަމަ ސަރުކާރަށް ދަތިކޮށްލުމަށެވެ. ދިގުމުއްދަތަކަށް ރާއްޖޭގެ ސަރުކާރަށް ހިންދެމިނުލެވޭނެ ގޮތް ހެދުމަށެވެ.
އެމްޑީޕީން ހިންގި ބައެއް ޖަރީމާތައް:
ދައުލަތުގެ ވިޔަފާރިތައް އިގްތިސާދީ ގޮތުން ފުނޑުފުނޑު ކޮށްލުން: ދައުލަތުގެ ގިނަ ވިޔަފާރިތައް ބަނގުރޫޓުވެ، މުހިންމު ވަސީލަތްތައް ހުސްވެގެން ދިޔައެވެ.
ސޮވަރިން ފަންޑު ނެތިދިއުން: ގައުމީ ހަމަޖެހުމާއިތަރައްގީއާއި ކުރިއެރުމަށް ކަނޑައެޅިފައިވާ ފައިސާ އެމްޑީޕީއާއި ގުޅިފައިވާ ފަރާތްތަކަށް ބަދަލު ދިނުމިގެ ނަމުގައާއި ކެމްޕޭނަށް ތަޅައި ބުރުވާލިއެވެ. އަމިއްލަ ފައިދާއަށް ސޮވަރިން ފަންޑު ދޮވެލިއެވެ.
ސުވާލު އުފެދޭ ސޮވަރިން ޑީލްތައް: ރާއްޖޭގެ އިކޮނޮމިކް ޒޯން މޮރިޝަސްއަށް ވިއްކާލައި، ގައުމީ މަސްލަހަތު ގެއްލި، އިންޑިއާ ސިފައިންގެ ބޭސްއެއް ރާއްޖޭގައި ހަދަން މަސައްކަތް ކުރިއެވެ.
އިންސާފުގެ ވައުދުތައް ފުއްދައި ނުދިއުން: އެމްޑީޕީ ވެރިކަމަށް އައީ އިންސާފު ހދައިދޭނެ ކަމަށް ބުނެއެވެ. ނަމަވެސް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ އާއިލާއަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ މަރުކޮމިޝަނެއް ހަދައި އެ ކޮމިޝަނުގެ ކޮންމެ މީހަކަށް ލައްކައިން މަތީ މުސާރައާއި އިނާޔަތް ދީގެން ދައުލަތުން ފާޅުގައި ކުރީ ވައްކަމެވެ. އެއްވެސް މަރަކަށް އިންސާފެއް ހޯދައެއް ނުދިނެވެ. ވީ ވައުދުތައް ފުއްދައި ނުދިނެވެ.
ރާއްޖެ ދަރަނިވެރިކޮށްލުން: ބޮޑު އިންޓްރެސްޓް ރޭޓުގައި ލޯނުތައް ނަގައި އެއިން އެއްވެސް ލޯނެއް ނުދައްކައެވެ. އެ ލިބުނު ފައިސާތައް ތަޅާލީ ވޯޓު ގަންނާށެވެ. މަޖިލިސް އިންތިހާބާއި ކައުންސިލް އިންތިހާބަށް ކެމްޕޭނަށް ހަރަދުކޮށް އަނެއްބައި ބަނޑުއަޅާލީއެވެ. ގައުމުގެ އުފެއްދުންތެރިކަމެއް ނެތްތަނުގައި އެ ފައިސާ އިންވެސްޓު ކުރުމުގެ ބަދަލުގައި ބޭނުންކުރީ މުވައްޒަފުންގެ މުސާރަ ދިނުމަށެވެ.
ނެޕޮޓިޒަމް އާއި ކޮރަޕްޝަން: އެމްޑީޕީއާ ގުޅުން ހުރި ފަރާތްތަކަށް އެއްވެސް އުސޫލެއް ނެތި ގޯތިތަކާއި ފްލެޓްތައް ބަހާފައިވެ އެވެ.
ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުން: މަޝްރޫއުތަކަށް ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ފައިސާ ޚިޔާނާތްތެރިވެ، ގައުމު ބަނގުރޫޓުވުމާ ދިމާއަށް ދަމާލިއެވެ.
މަކަރާއި ހީލަތުގެ ޕްރޮޖެކްޓުތައް: ރިޔާސީ ކެމްޕޭނާ ދިމާކޮށް އެމްޑީޕީ ސަރުކާރުން ޕްރޮޖެކްޓްތައް ފެށީ އެއަށް ބޭނުންވާ ފައިސާ ނުލިބެނީހެވެ. ކުރިޔަށް އޮތް ފަސް އަހަރުގައި އެފައިސާ ލިބޭނެކަމަށް ބަލާފައެވެ. އެމްޑީޕީއަށް ވެރިކަން ނުލިބިއްޖެނަމަ ދެން އަންނަ ސަރުކާރެއްގެ ބޮލުގައި އެ ދަރަނިތައް އެޅުވުމަށެވެ. އަދި އެއިން އެމްޑީޕީއާ ގުޅުންހުރި މީހުންނަށް މިލިއަނުން ފައިސާ ލިބޭ ގޮތަށެވެ. އެގޮތަކީ މިދެންނެވި ހުރިހާ ޕްރޮޖެކްޓުތަކަކީ އެޕްރޮޖެކޓެއްގެ އަސްލު އަގަށްވުރެ އެތައް ގުނައެއް އަގުބޮޑުކޮށް ސޮއިކޮށްފައިވާ ޕްރޮޖެކްޓު ތަކެވެ. މިއީ އޭގެ ފަހުން އަންނަ ކޮންމެ ސަރުކާރަކަށް ވެސް ބުރައެއް އުފުލިދާނެ ކަންކަމެވެ.
މަސްވެރިކަމުގެ ސިނާއަތް ފުނޑާލުން: ދުނިޔޭގެ ބާޒާރުން މަސް ގަންނަ އަގަށްވުރެ މަސްވެރިން އަތުން މަސް ގަތުމަށް މިފްކޯ އަށް މަޖުބޫރު ކުރުވިއެވެ. މިފްކޯއަށް ގެއްލުން ވާނެތީ މިފްކޯގެ ބައެއް ވެރިން އެވާހަކަތައް ދެއްކީމާ ސަރުކާރުން ބުނީ "އެބައި ފަހުން އެޖެސްޓް ކުރާނީ"އެވެ. މިހެން ކިޔައި ސަރުކާރުން ކުރި ކަމަކީ މިފްކޯގެ ވެރިންނަށް ވަޒީފާގެ ބިރު ދެއްކީއެވެ. ނަތީޖާއަކީ ބަނގުރޫޓުވުމެވެ.
މުއިއްޒުގެ ސަރުކާރުގެ ނިންމުން
ސަރުކާރަށް އަދި އަހަރެއްވެސް ނުވެއެވެ. އެހެންވީމާ ވަޢުދު ނުފުއްދިގެން އެވާހަކަ ދެއްކޭނެ ޖާގައެއް ނެތެވެ. ސަރުކާރުން ވީ ވަޢުދުތައް ފުއްދުމަށްޓަކައި އެކި "ގާތަށް ފުރޮޅަމުންދާ ވަރަކަށް" މިފެންނަނީ ކުރީ ސަރުކާރުން ހާވާފައިހުރި ހަޑިތަކެވެ. އެއްވެސް ކަމެއް ވާނީ އެކަންކަން އިސްލާހު ކޮށްގެންނެވެ. މި ހުރިހާކަމެއް ބަލައި ދިރާސާ ކުރުމަށްފަހު އެކަމުގެ ރައްދުގައި ވަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
މިނިވަންކަން އަލުން އާލާކުރުން: ރާއްޖޭގައި ބޭސް ހެދުމުގެ ވިސްނުން ގެންގުޅުނު އިންޑިއާ ސިފައިންގެ ޓީމު ބޭރުކޮށް، ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކަށް ހަމައެކަނި ޓެކްނިކަލް މުވައްޒަފުންނަށް ތިބެވޭ ގޮތަށް ބަދަލުކުރިއެވެ.
މަސްވެރިކަމުގެ ސިނާއަތް ދިރުވުން: ބައިނަލްއަޤްވާމީ މާކެޓްތަކާ އެއްގޮތަށް މަހުގެ އަގުތައް ސަރުކާރުން އެޑްޖަސްޓްކޮށް، މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ޚަލާސް ކުރިއެވެ. އަދި ރާއްޖެއިން އުތުރު އޭޝިއާގެ މާކެޓަށް މަސް ބޭރުކޮށް ސިނާޢަތު ކޮޅަށް ޖަހަން މަސައްކަތް ފަށައިފިއެވެ.
އިގްތިސާދީ ހަމަޖެހުން: ސަރުކާރަށް ދަރަނީގެ އެއްވެސް މިންވަރެއް ފައިސާ ޗާޕު ނުކޮށް ނުދެއްކޭނެ ކަމަށް އެމްޑީޕީއަށް ހީވިއެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިގްތިސާދު ވަނީ 9.8 ޕަސެންޓް ކުރިއަރާފައެވެ. އިންޓަރެސްޓް ބޮޑު ލޯނުތަކަށް ބޭރުގެ ދަރަނީގެ 2.7 ބިލިއަން ރުފިޔާ ދެއްކީ ފައިސާ ޗާޕު ނުކޮށެވެ.
ފަތުރުވެރިކަން ކުރިއެރުވުން: އަހަރު ދެބައިވިއިރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ގެނެސްފިއެވެ. އެއްވެސް ވެރިކަމެއްގައި ނުހިންގުނު ޝަންގްރިއްލާ ހޮޓާ އެތަނުގެ ވެރިމީހާ ކައިރިޔަށް ގޮސްގެންވިޔަސް ހުޅުވާނެ ކަމުގެ ވައުދު ވެއްޖެއެވެ.
ކުރީ ސަރުކާރުން އަޅާނުލައި ދޫކޮށްލި އައިވީއެފް ފަރުވާ: އައިވީއެފް ފަރުވާގެ ފުރަތަމަ ބުރުގައި ކެމްޕޭންގެ މުހިންމު ވައުދެއް ފުއްދައި، ޝަރުތު ހަމަވާ 37 ފަރާތް ކަނޑައަޅައި ފަރުވާދިނުމަށް މަސައްކަތް ފަށައިފިއެވެ.
މާލީ ޒިންމާ: އެމްޑީޕީއަށް ހީވީ މިއަހަރު ސަރުކާރަށް އެއް ބިލިއަން ރުފިޔާވެސް ނުދެއްކޭނެ ކަމަށެވެ. އެމީހުން ޕްލޭން ކުރީވެސް އެގޮތަށެވެ. ނަމަވެސް، ސަރުކާރުން މިދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ޖުމްލަ 13.7 ބިލިއަން ރުފިޔާ ދައްކާފައި ވެއެވެ. އޭގެ ތެރޭގައި ބޭރުގެ ދަރަނީގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ހިމެނެއެވެ.
ފެންނަނީ އުޖާލާ މުސްތަގުބަލެއް
ކުރީ ސަރުކާރުން ހޭޥި ހަޑިތައް ސާފުކޮށް، މައްސަލަތައް ހައްލުކޮށް އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ދަނީ މޭވާ ލިބެމުންނެވެ. އެމްޑީޕީން މިފްކޯ އާއި ހެލްތު ސެކްޓަރު ދޮވެލައި މުޅި ސިއްހީ ނިޒާމް ފުނޑާލައި ގައުމުގައި ހުރި ހުރިހާ ފައިސާއެއް "ކާލީ"އެވެ. ނަމަވެސް މި މުހިއްމު ސިނާއަތްތައް ދިރުވައި އާލާކޮށް، މިއަށްވުރެ ހަމަޖެހޭ އަދި ތަނަވަސް ރާއްޖެއަކަށް މި ގައުމު ދަތުރުކުރަމުނދާ ކަމުގެ ނިޝާންތައް މިހިރަ ފެންނަނީ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށްދިނުމުގައި ކުރިއަށް އޮތް މަދު މަސްތަކަކީ ވަރަށް މުހިންމު މަސްތަކަކަށް ވާނެ އެވެ. ސަރުކާރުން ވައުދުތައް ފުއްދައި، އުއްމީދީ މުސްތަގުބަލަކަށް ރާއްޖެ ދަތުރުކުރާއިރު، ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެކެވެ.



