ރާއްޖެއިން ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ވިޒާއާ ނުލައި 60 ދުވަސް ވަންދެން އެގައުމުގައި ދިރިއުޅެވޭ ގޮތަށް ހަމަޖެހިއްޖެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުން ކުރި މަސައްކަތުގެ ތެރެއިން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި ބަދަލު އައިސްފައިވާއިރު ، ޚާރިޖީ ވުޒާރާއިން ވިދާޅުވީ 60 ދުވަހަށް ވީޒާގެ މުއްދަތު އިތުރުކުރަންބޭނުންވެއްޖެނަމަ ހަދަންޖެހޭ ގޮތަކީ ވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން ތައިލެންޑް އިމިގްރޭޝަން ޑިޕާޓްމަންޓަށް އެކަން ހުށަހަޅާނީއެވެ. އޭރުން އިތުރު 30 ދުވަހަށް ވީޒާގެ މުއްދަތު އިތުރުކޮށްދޭނެއެވެ.
މި ސަރުކާރު އައިފަހުން ވިސާގެ ކަންތަކަށް ބޮޑެތި ލުއިތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ރާއްޖެއާއި މޮންގޯލިއާއާ ދެމެދު ވެފައިވާ ވިސާ ވެއިވަރ އެއްބަސްވުމުގެ ދަށުން މިހާރު ދުރާލާ ވިސާ ނެގުމަކާނުލައި މޮންގޯލިއާއަށް އެތެރެވެވޭނެ އެވެ. އަދި އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހޯދުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ކޮށްދެއްވައި އިތުރު ފީއަކާއި ނުލައި ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައިކަން ފާހަގަ ކުރެވެއެވެ.


