ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސްގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ. އަދި މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅުލެހެއްޓެވުމަށް އެދި އެމަނިކުފާނު ވަނީ ދުޢާ ދަންނަވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުއުމިނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެކަމަނާ އަވަހާރަވިއިރު ޢުމުރުފުޅަކީ 80 އަހަރެވެ.


