މި ސަރުކާރަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ސިޔާސަތުތައް ރައްޔިތުން ތަޖުރިބާކޮށްފި ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް މި ސަރުކާރުގެ ހަލުވި ދުވެލި ފެނިފައިވާ ކަމަށެވެ.
މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ސަރުކާރަށް ނުލިބި އޮތް ނަމަވެސް، އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނަށް އެތައް ކަމެއް ކޮށްދެއްވާފައިވާ ކަމަށެވެ.
ސަރުކާރުގެ މި ދުވެލި ދެމެހެއްޓުމަށްޓަކައި ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ ކުރިއަށް އޮތް ދައުރުގައި ސަރުކާރަށް އަގުލަބިއްޔަތު ދިނުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައްޔިތުން ބޭނުންވޭ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދޭން. އެއީ މިދިޔަ ދުވަސްތަކުގެ ތެރޭގައި އެމަނިކުފާނުގެ ސްޕީޑު ރައްޔިތުން ކަށަވަރުކޮށްފި. އެމަނިކުފާނުގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ތަޖުރިބާކޮށްފި،" ނައިބު ރައީސް ވިދާޅުވި އެވެ.
"އެހެން ކަމުން އެފަދަ ވެރިއެއްގެ ފަހަތުގައި ރައްޔިތުން ތިބެން ބޭނުންވާ މަންޒަރު، މި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުން އަޅުގަނޑުމެން ކެނޑިޑޭޓުން ފަހަތުން އެ ދައްކަމުން ގެންދަނީ."
ނައިބު ރައީސް ވިދާޅުވީ، މިހާރުގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޭރު އޮތް ސަރުކާރަށް ދިނީ އޭރު ދެއްކި ވާހަތަކަތަކެއް ރައްޔިތުންގެ ގަބޫލުކޮށްގެން ކަމުގައި ވިޔަސް، އެ މެޖޯރިޓީ ދީގެން ވެސް ރައްޔިތުންނަށް ކޮށްދެވުނު ހިދުމަތެއް އޮތްތޯ ސުވާލު އުފައްދަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މި ސަރުކާރުގެ މެނިިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި މަޖިލީހުގެ އަގުލަބިއްޔަތު ސަރުކާރަށް މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.








