ޔަމަނުގައި ހަތިޔާރު އެޅި ހޫޘީ ޖަމާއަތުން ދެމުންދާ ސިލްސިލާ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ މުދާ އުފުލާ ޝިޕިންގ ލައިން ތަކަށް ބުރޫ އަރަން ފަށައިފިއެވެ. ރަތްކަނޑުން ދަތުރު ކުރުމުގެ ބަދަލުގައި އެފްރިކާ ބައްރު ވަށާލާފައި ދާން މަޖުބޫރުވެ، ޝިޕިން ވަގުތާއި ހަރަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
މިކަން މިހެން ދިމާވީ ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިސްރާއީލަށާއި އަދި ޣައްޒާގެ ހަނގުރާމައާއި ގުޅުން ހުރި ހުޅަނގުގެ އިޤްތިސާދަށް ގެއްލުން ދިނުމަށްޓަކައި އެސަރަހައްދުން ދަތުރުކުރާ އިސްރާއީލާއި ގުޅުންހުރި ކޮންމެ އުޅަނދަކަށް ހޫޘީގެ ބާރުތަކުން ހަމަލާ ދޭން ފެށުމުންނެވެ.
ހޫޘީ ބާރުތަކުން ދޭ ޙަމަލާތައް ފުޅާވެ މިހާރު ރަތް ކަނޑުގެ އިތުރުން މެޑިޓެރޭނިއަން ކަނޑާއި އިންޑިއާ ކަނޑުން ދަތުރުކުރާ އުޅަނދުތަކަށް އަމާޒުކޮށްގެންވެސް ހަމަލާ ދިނުން ވަނީ ވަރުގަދަކޮށްފަ އެވެ. މި ހަަމަލާ ތަކުގައި މުދާ އުފުލާ ދެ ބޯޓު އަޑިއަށް ގޮސް، ޔަމަން ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާތެރިކަން ވަނީ ކުރިމަތިވެފަ އެވެ.

ބައެއް ކުންފުނި ތަކުން އިއުލާން ކުރި ގޮތުގައި ރަތްކަނޑުން ދަތުރު ކުރުމުގެ ބަދަލުގައި އެ ބޯޓުތަކަށް މިހާރު ކޭޕް އޮފް ގުޑް ހޯޕް ވަށައިގެން ދަތުރުކުރަން މަޖުބޫރުވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދަތުރުތަކަށް ބޮޑު ހަރަދެއް ކުރަން ޖެހެއެވެ. ދަތުރު ދިގުވެފައި ތެލަށް ދެގުނަ ހަރަދު ކުރަން ޖެހެއެވެ.
އޭޝިއާ އާއި އިނގިރޭސިވިލާތާ ދެމެދު ކުރާ ދަތުރަށް ރެޑް ސީ އިން ކޭޕް އޮފް ގުޑް ހޯޕް އަށް ދާ މަގު ބަދަލުވުމުން ކޮންޓެއިނަރަކަށް ގާތްގަނޑަކަށް 20،000 ޑޮލަރާއި 30،000 ޑޮލަރާއި ދެމެދުގެ އިތުރު ހަރަދެއް ކުރަން ޖެހެއެވެ. އެއީ އިންޝުއަރެންސް ޕްރީމިއަމް ބޮޑުވުމާއި، ޓްރާންސިޓް ވަގުތު ދިގުވުމުންނެވެ. ނަތީޖާއެއްގެ ގޮތުން މުދާ އުފުލުމުގެ ޗާޖުވެސް ބޮޑުވެ މުދަލުގެ އަގު ޔޫރަޕްގައި އުފުލިގެން ދިޔުމެވެ.
މިދިޔަ ޑިސެމްބަރު މަހު ދުނިޔޭޣެ މަޝްހޫރު ޝިޕިންގ ކުންފުނި ކަމަށްވާ މަޔޭސްކުން ބުނީ ރަތް ކަނޑުގެ ދަތުރުތައް ހުއްޓާލި ފަހުން އިރުމަތީ އޭޝިއާ އާއި އިނގިރޭސިވިލާތުގެ ބަނދަރުތަކުގައި މިހާރު ބޯޓުތަކާއި ކޮންޓެއިނަރުތައް ތޮއްްޖެހިފައިވާ ކަމަށެވެ. އަދި އިރުމަތީ އޭޝިއާ، ހުޅަނގު މެދުތެރޭ އޭޝިއާ، އަދި އިނގިރޭސިވިލާތް ފަދަ އެކި ސަރަހައްދުތަކަށް މުދާ ގެންދިއުމަށް މުހިންމު އެހެން ޝިޕިން ލޭންތަކާއި ޓްރާންސްޝިޕްމަންޓް ބަނދަރުތަކަށް ވެސް ރީރޫޓިންގެ ސަބަބުން ވަނީ ބުރޫއަރާފައި ކަމަށް ގިނަ ކުންފުނިތަކުން ބުނެއެވެ. ސިންގަޕޫރާއި އޮސްޓްރޭލިއާ އަދި ޝަންހާއީގެ ބަނދަރުތަކުގައި ވެސް ބޯޓުތައް ތިބީ ތޮއްޖެހިފައެވެ. އިރުމަތީ ދެކުނު އޭޝިއާގެ ބަނދަރުތަކުގައި ތޮއްޖެހުމުގެ ސަބަބުން ޕެސިފިކް ކަނޑާއި އޯޝޭނިއާގެ ގައުމުތަކަށް މުދާތައް ފޮނުވުމުގައި ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ. މުދާ ލޯޑްކޮށް އަންލޯޑް ކުރުމަށް މަޑުކުރާ ވަގުތު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.



