ރައްޔިތުންގެ މަޖިލިސް އިދާރާއިން ކަރަންޓު ކެނޑޭތީ މިއަދުގެ ޖަލްސާ ކުރުކޮށްލައިފިއެވެ.
މަޖިލީހުގެ ލައިވް ސްޓްރީމް މެދުކެނޑިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި ބިލަށް މެމްބަރުން ބަހުސްކުރެއްވުމަށްފަހު ބަސް ވިދާޅުވުމުގެ ފުރުސަތުގައި ވާހަކަދައްކަވަނިކޮށެވެ. އެޔަށްފަހު ހުސްވަގުތުކޮޅަކަށްފަހު ޖަލްސާ އަލުން ފައްޓަވަމުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޖަލްސާ މެދުކެނޑުނީ ކަރަންޓު ކަނޑައިގެން ދިއުމުން ކަމަށާއި މަޖިލީހުގެ އިދާރާއަށް މިހާރު ކަރަންޓު ދެމުންދަނީ ބެކަޕް ޖަނަރޭޓަރުން ކަމަށެވެ. އަދި ބެކަޕް ޖެނެރޭޓަރުގައި ކަރަންޓު ދެމުން ޖަލްސާ ކުރިއަށް ގެންދެވޭނީ ކިހާ އިރަކަށްކަން ނޭނގޭތީ ޖަލްސާ މެދުކަނޑާލަން ނިންމީ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއަދުގެ ޖަލްސާގައި ކުރިއަށް ނުގެންދެވުނު އެޖެންޑާ ދެން ޖަލްސާ އޮންނަ ދުވަހު ކުރިއަށްގެންދާނެ ކަމަށެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.



