އޭރު އެއް އަޑަކަށް އޮތީ ލާދީނީ ފިކުރެވެ. ސްކޫލްތަކުގައިވެސް ރަސޫލުﷲ އަށް ބަދުބަސް ބުނުމާއި ކީރިތި ޤުރުއާނަށް ފުރައްސާތަކުރާތީވެ އެފަދަ ކަންތަކާއި ގުޅިގެން ދަރިވަރުން ހޭޅުންތެރިކޮށް އިސްލާމީ ރީތި އާދަތައް ހަރުލެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީ އަކުންވެސް އަދި އިސްލާމިކް މިނިސްޓްރީއިންވެސް އެއްވެސް މަސައްކަތެއް ނުކުރެއެވެ. މުޅި ސަރުކާރުން އޭރު މަސައްކަތްކުރީ އިސްލާމްދީން ބިކަކޮށް ނިކަމެތި ކޮށްލުމަށެވެ. ކޮންމެ ވެރިކަމެއްގައިވެސް ހުޅަނގުގެ ލާދީނީ ޕްރެޝަރު ރާއްޖެއަށް އާދެއެވެ. ބައެއް ވެރިން ފައިސާގެ ދަހިވެތިކަމުގައި ހުޅަނގަށް ދޫދިނުމުގެ ގޮތުން ރާއްޖޭގައި ދީނީ ތަޢުލީމު ކުރިއަރުވަން ކުރާ މަސައްކަތް މަޑުޖައްސާލައެވެ.
މިއަދު މިއޮތީ އައު ވެރިކަމެކެވެ. އެމްޑީޕީއާއި އެމްޑީއެންގެ ފިކުރާ ނުބައްދަލު ވެރިކަމެކެވެ. އާދެ. ކުރީގެ ވެރިކަމުގައި ދޫކޮށްލި ފަރަގު ހައްލުކޮށް، މުޅި ރާއްޖޭގައި ޤުރުއާނުގެ ތަޢުލީމު ކުރިއެރުވުމާއި އިސްލާމީ ޢިލްމު ދެމެހެއްޓުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކެއް ރައީސް މުހައްމަދު މުއިއްޒު ހާމަކުރެއްވުމަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ދިވެހިރާއްޖެއަށް ބޭރުން އަންނަމުންދާ ނުފޫޒަށް ނެގި އައްޑަނައެކެވެ. ﷲ އަކްބަރު!
36 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ދިމާވެގެން މިއުޅޭ ހުރިހާ މައްސަލަތަކުގެ ހައްލަކީ އިސްލާމީ މަތިވެރި ޢިލްމު ފެތުރުމެވެ. ޤުރުއާނުން ހިދާޔަތް ލިބުމެވެ. މާނައަކީ އިސްލާމް ދީނުގެ ސާފު ތެދު ޢިލްމު ފަތުރަން ފަށައިފިނަމަ ރާއްޖެއަކީ ކުށްކުރުން މަދު ތަނަކަށްވެސް ވާނެއެވެ. އިސްލާމްދީން ދެކެ ލޯބިވާ ބަޔަކު ތިބޭނަމަ ފާފަތައް ކުރުން މަދުވާނެއެވެ. ރައީސްގެ މަގުސަދަކީ މިއީއެވެ. އިސްލާމީ ވެރިއެއްގެ ކިބައިގައި ހުންނަންވީ އެންމެ މުހިއްމު ސިފައަކީވެސް މިއީއެވެ.
ރޭ ރައީސް ވަނީ ޤުރުއާން ތަޢުލީމުގެ މުހިންމުކަމަށް އަލިއަޅުވާލައްވައި، މުހިންމު ބައެއް މަޝްރޫޢުތަކާއި އިސްލާހުތައް އިޢުލާން ކުރައްވާފައެވެ.
ރައީސް މުއިއްޒު ދެއްވި ޚިޠާބުގައި ކީރިތި ޤުރުއާނަށް ޤައުމީ ހިޔާވަހިކަމެއް ޤާއިމުކޮށް، ޤުރުއާން މަރުކަޒެއް އަލުން ބިނާކުރުމަށް ބިން ދޫކުރުމަށް ރާވާފައިވާކަން ހާމަކުރެއްވިއެވެ. މަޤްޞަދަކީ ޤުރުއާން އުނގެނުމާއި ރައްކާތެރިކުރުމަށް ޚާއްޞަ ޖާގަތަކެއް އުފެއްދުމާއި، އަންނަން އޮތް ޖީލުތަކަށް އެމީހުންގެ ދީނީ ތަރިކައާ ފުންކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ވަސީލަތްތަކާއި ފުރުޞަތުތައް ލިބިފައިވާކަން ކަށަވަރުކުރުމެވެ.
"ކީރިތި ޤުރުއާނުގެ ޢިލްމާއި އޭގެ ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ އެހީތެރިކަން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ. މިކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން ސަރުކާރުން ދަނީ ދާރުލް ސަލާމްގެ ނަމުގައި އާ ވަޤުފު އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ދާރުލް އަރްގަމްގެ ނަމުގައި އިތުރު އިމާރާތެއް އެޅުމަށް ބިން ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުތަކުގެ ބޭނުމަކީ ޤުރުއާނުގެ ތަޢުލީމާއި އެކަމާ ގުޅުންހުރި މަސައްކަތްތަކަށް ދެމެހެއްޓެނިވި އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.
ޤުރުއާން އުނގެނުން އިތުރަށް ފަސޭހަކޮށްދިނުމުގެ މަސައްކަތުގައި، މުޅި ރާއްޖޭގައި ހިލޭ ގުރުއާން ކްލާސްތައް އިތުރުކުރުމަށް ރާވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވިއެވެ. މިއީ އިތުރު ފަރުދުން ޤުރުއާން ދިރާސާތަކުގައި ބައިވެރިވުމަށް ހިތްވަރު ލިބިގެންދާނެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ޤުރުއާން ކިޔެވުމުގެ މުބާރާތް މަތިވެރިކޮށް، ރާއްޖޭގައި ބާއްވާ މިބާވަތުގެ އެންމެ ޝަރަފުވެރި އަދި އެންމެ ގިނަ އިނާމު ލިބޭ މުބާރާތަކަށް ހަދައިދިނުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.


ޤުރުއާން ހިތުދަސްކުރާ މީހުންގެ ޝަރަފް ފާހަގަކުރައްވައި، ހާފިޒުންނަށް ދެމުންދާ އެހީތެރިކަން އިތުރުކޮށް، ކީރިތި ޤުރުއާން ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ހާފިޒުންނަށް ދޭ އިނާޔަތްތައް ދެގުނައަށް އިތުރުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.
މި މަސައްކަތްތަކަކީ ދީނީ ކަންކަމަށް އިހުމާލުވެ އިސްލާމީ ޢިލްމު ކުރިއެރުވުމަށް އިސްކަންދިނުމުގައި ނާކާމިޔާބުވެފައިވާ ކުރީގެ ވެރިކަމާ ވަރަށް ތަފާތު މަސައްކަތްތަކެކެވެ. މިހާރުގެ ސަރުކާރުގެ އަޒުމަކީ ރާއްޖޭގައި އިސްލާމްދީނުގެ ޢިލްމު ފުރިހަމަ ކުރުމަށްޓަކައި ހުއްޓިފައިވާ ދީނީ ހަރަކާތްތައް އަލުން ފެށުމާއި ފުޅާކުރުމެވެ.
އެމްޑީޕީ ސަރުކާރުގައި އިސްލާމްދީނަށް ގޮންޖަހައި ލާދީނީ ފިކުރު ކުރިއެރުވުމަށް ކުރި މަސައްކަތާއި އިދިކީލަކޮށް، މިސަރުކާރުން ޤުރުއާނުގެ ތަޢުލީމާއި ދީނީ ހަރަކާތްތަކަށް އިސްކަން ދިނުމަކީ ދިވެހިންތެރޭގައި އިސްލާމްދީނާމެދު ފުންކޮށް ދެނެގަތުމާއި އަގުވަޒަންކުރުމަށް ސަރުކާރުން ކުރާ ޚިދުމަތްތެރިކަން ހާމަކޮށްދޭ ކަމެކެވެ. ކުރީގެ ވެރިކަމުގައި ދޫކޮށްލި ފަރަގުތައް ހައްލުކޮށް ޤުރުއާން ތައުލީމަށް އޮކްސިޖަން ދީގެން މިހާރުގެ ސަރުކާރުން ދަނީ ދީނީ ޢިލްމާއި ޢަމަލުތައް އިތުރުކުރުމަށް މާނަހުރި ފިޔަވަޅުތަކެއް އަޅަމުންނެވެ.



