ލޯބިވެރިޔާއަށް ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް އެއް މަސް ދުވަސް ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން އެއް މަސް ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހަކީ މާރަމާރީ ހިންގުމުގެ ކުށުގެ ރެކޯޑުވެސް އޮތް މީހެއް ކަމަށެވެ. އަދި މީގެ ކުރިންވެސް ހައްޔަރު ބަންދުގެ 26 ރެކޯޑެއް އޭނާގެ އެބަ އޮތް ކަމަށް ފުލުހުން ބުންޏެވެ.
އަނިޔާގެ އަމަލެއް އޭނާ ހިންގާފައިވާ ކަމަށް ބެލެވޭ ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އަދި އަނިޔާގެ ޝިކާރައަށްވި އަންހެން މީހާއަކީ އޭނާގެ ލޯބިވެރިޔާ ކަން އޭނާ ކޯޓުގައި ދެއްކި ވާހަކަތަކުން އެނގޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ލޯބިވެރިޔާއާ އޭނާއާ ދެމެދު ޒުވާބެއް ހިނގިކަމަށް އޭނާ ވަނީ ކޯޓުގައި އެއްބަސްވެފައެވެ. ނަމަވެސް މާރާމާރީ ހިންގި ކަމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
އޭނާގެ ދަބަހުން ވަޅިއެއްވެސް ފެނިފައިވާއިރު އެއީ އޭނާ ޑައިވިން އަށް ދާއިރު ބޭނުންކުރަން ގެންގުޅޭ އެއްޗެއް ކަމަށް ވަނީ ބުނެފައެވެ.



