ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ހިޔާގެ ދެވަނަ ޓަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު އަލީ ހައިދަރާއި އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ބަޖެޓުގައި ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރު ކުރަން 200 މިލިއަން ރުފިޔާ ހިމަނައިފައެވެ. ކޮންމެ ޓަވަރަކަށް އިތުރު ކުރާ ދެ ލިފްޓުގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެކެވެ. ދެވަނަ ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެކެވެ.

ރައީސް ޑރ.  މުޙައްމަދު މުޢިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފެށި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހަރުކޮށްފައި ވަނީ ތިން ލިފްޓެވެ. އެއާ އެކު، ޖުމްލަ 54 ލިފްޓު ވަނީ ހަރުކޮށްފައެވެ. އަލަށް ޖުމްލަ 32 ލިފްޓް ހަރު ކުރުމަށް ވެސް  ވަނީ ހަމަޖެހިފައެވެ.

ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕްއާއެވެ.  ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށް އެޗްޑީސީ އިން ލަފާ ކުރާއިރު، ރައީސް މުއިއްޒުގެ އަމާޒަކީ އެއަށް ވުރެ ކުރިން މި މަސައްކަތް ނިންމާލުމެވެ.

މި މަޝްރޫއުއަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ދެވޭ މަޝްރޫއެކެވެ. މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނެއެވެ.

ހިޔާ ފްލެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.