މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މާފުށީ ޖަލުގައި ލިޔެލާ ޖެހުމާއި ކަސަބު ގެތުމާބެހޭ ދެ ވޯކްޝޮޕް ފަށައިފިއެވެ.
މި މަހުގެ 14 ގައި ފެށި މި ދެ ވޯކްޝޮޕް ކުރިއަށްދާނީ 14 ދުވަހުގެ މުއްދަތަކަށް ކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ. ލިޔެލާ ޖެހުމުގެ ވޯކްޝޮޕްގައި 10 ޕްރިޒަން އޮފިސަރުން ބައިވެރިވެފައިވާއިރު، ކަސަބު ގެތުމާބެހޭ ވޯކްޝޮޕްގައި ހަ ޕްރިޒަން އޮފިސަރުންނާއި ހަތަރު ސިވިލް މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
މި ދެ ވޯކްޝޮޕްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޞަގާފީ މަސައްކަތްތައް އާލާކުރުމަށްޓަކަށް އޮފިސަރުންނާއި މުވައްޒަފުން ތަމްރީންކޮށް، އެމީހުން މެދުވެރިކޮށް ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް މި މަސައްކަތްތައް ދަސްކޮށްދީ، މިއަހަރުތެރޭ މާފުށީ ޖަލުގައި ޤާއިމްކުރުމަށް ނިންމާފައިވާ ކަލްޗަރަލް ސެންޓަރުގައި ޤައިދީންގެ އުފެއްދުންތައް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއްވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުން ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ ލިޔެލާ ޖެހުމުގެ ވޯކްޝޮޕް ކުރިއަށްގެންދަނީ ޢަބްދުލް އަޒީޒް އާ ގުޅިގެން ކަމަށާއި، ކަސަބު ގެތުމާ ބެހޭ ވޯކްޝޮޕްގެ ކްލާސްތައް ނަގައިދެއްވާނީ ގަތާ ޓޭލްސްގެ ފާތިމަތު ނަދުހާ ޢަބްދުލް މުހުސިން ކަމަށެވެ.
މިފަދަ އެހެން ޞަގާފީ މަސައްކަތްތަކާ ގުޅޭ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް އޮތް ތަނުގައިވެސް ރާވާގައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ކަރެކްޝަންސް އިން ބުންޏެވެ.



