ރޭ ލުބުނާނުން އިސްރާއީލަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފިއެވެ.
އިސްރާއީލްގެ މީޑިއާއިން ވަނީ މިކަން ކަށަވަރު ކޮށްފައެވެ. އެގޮތުން އިސްރާއީލްގެ ކިރިޔަތު ޝިމޯނާއަށް އާއި އެސަރަހައްދުގެ އެކި ހިސާބުތަކަށް 40 ވަރަކަށް ރޮކެޓް އަމާޒުވެފައިވެއެވެ.
އައިޑީއެފްއާއި ހަވާލާދީ ބައެއް މަސްދަރުތަކުން ބުނާގޮތުގައި 10 ވަރަކަށް ރޮކެޓް އަމާޒަށް އައުމުގެ ކުރިން އިސްރާއީލްގެ އަޔަންޑޯމުން ވަނީ ނައްތާލާފައެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދަށް އަމާޒުވި 7 ރޮކެޓު ހަމަލާއިން ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރު ހަލާކުވި ކަމަށާ އެއްވެސް މީހަކަށް އަނިޔާ ނުާކަމަށްވެސް ކިރިޔަތު ޝިމޯނާ މުނިސިޕަލްޓީން ބުނެއެވެ.
އައިޑީއެފް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުތުރުގެ މެރޯން ސަރަހައްދަށްވެސް ވެސް ލުބުނާނުން 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ރޮކެޓް ފޮނުވާލާފައިވެ އެވެ. ބައެއް ތަންތަނުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެފައި ވެއެވެ. ރޭގެ މި ހަމަލާތަކާއި ގުޅިގެން އިސްރާއީލުގެ އުތުރުގެ ސަލާމަތީ ހާލަތު ނާޒުކުކަމާއި އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަން ހާމަވެގެންދެއެވެ. މިއީ މިފަހުން އެސަރަހައްދަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް އައިޑީއެފުން ބުނެއެވެ.



