ގަޑި އިރެއްގެ ތެރޭގައި އިޒްރޭލުން ޣައްޒާގެ 48 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން އިއްޔެ ބުނީ އިޒްރޭލުން ދިން ވައިގެ ޙަމަލާއެއްގައި 48 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އޭގެ ތެރެއިން 25 މީހުން ޝަހީދުކޮށްލާފައިވަނީ ނުސެއިރަތު ސަރަޙައްދުގައި އދ އިން ހިންގާ ސްކޫލެއްގައެވެ. އަދި 18 މީހުން ޚާން ޔުނިސްގެ ދެކުނުގެ ސަރަޙައްދުގައި ޝަހީދުކޮށްލާފައިވާއިރު، 5 މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާގެ އުތުރުގައި ބެއިތު ލަހިޔާގައެވެ.
އދ އިން ބުނީ އިޒްރޭލުން ހަމަލާދީފައި ވަނީ ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކޯޑިނޭޓްކުރާ ދީރް އަލް ބާލާހުގައި ހުންނަ އެގައުމުގެ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ކައިރީގައި ކަމަށެވެ.
ނުވަ މަސް ދުވަހުގެ ހަމަލާތަކުގެ ތެރޭގައި ޣައްޒާގެ ޔޫއެންއާރުޑަބްލިއުއޭ ސްކޫލްތަކުގެ 70 އިންސައްތަ އަށް މިހާރު ބޮމުގެ ހަމަލާދީ، އެ ތަނުގައި ހިޔާވަހިކަން ހޯދަމުން ދިޔަ 539 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 38,713 މީހުން މަރުވެ 89,166 މީހުން ވަނީ ޒަޚަމްވެފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާއިރު، ޣައްޒާގައި އަދިވެސް އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.



