ހާފިޒުންނަށް ދޭ އިނާޔަތްތައް ދެގުނައަށް ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން އިޢުލާން ކުރައްވައިފިއެވެ.
ދާދި ދެންމެއަކު 36ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރަމުންދާ ޖަލްސާގައި އެމަނިކުފާނު ވަނީ މި އުފާވެރި ޚަބަރު ދިވެހި ހާފިޒުންނަށް ދެއްވާފައެވެ. މިއީ ރައީސްގެ ރިޔާސީ ކެމްޕޭނުގައި ފުވައްމުލަކުގައި ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
'އަޅުގަނޑުމެން ކުޑަ އިރު ކީރިތި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް. ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުން އެބަދޭ. އަޅުގަނޑުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ސަރުކާރުން ޚާއްޞަ ހޭދައެއްކުރުން. އެ ކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ. އަދި ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނަޔަށް ބޮޑުކުރެވޭނެ.' ދާދި ދެންމެ ރައީސް ވިދާޅުވިއެވެ.
މިހާރު ސަރުކާރުން ހާފިޒުންނަށް ދޭ އެލަވަންސަކީ 2000 ރުފިޔާއެވެ. އެހެންކަމުން ރައީސް ވިދާޅުވި ދެގުނަ އަކީ، މިހާރު ދެމުންދާ ދެހާސް ރުފިޔާއާއެކު މުޅި ޖުމްލަ ހަތަރުހާސް ރުފިޔާއެވެ.



