ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރާނެ ކަމަށް ޤަސްދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ 36ވަނަ ޤައުމީ ޤުރުއާންކިޔެވުމުގެ މުބާރާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަޢުރަޒާއިބެހޭ ތަފްޞީލް އެމަނިކުފާނު ހާމައެއް ނުކުރައްވައެވެ.
އެމަނިކުފާނަކީ މިހާތަނަށްވެސް ވަޢުދެއް ކޮށްފި ކަމުގައިވަނީނަމަ އެ ވަޢުދެއް ފުއްދަވާ ރައީސެކެވެ. އަދި ކަމަކަށް ޢަޒުމް ކަނޑައަޅުއްވައިފިނަމަ އެކަމެއް ޙާޞިލްކުރެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާ ބޭފުޅެކެވެ.
'މިރޭ ވަރަށް އުފާވެރި އެހެން ވާހަކައެއް ވެސް ދަންނަވާލާނަން. އެ ވާހަކައަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި ތައްޔާރުކޮށް އާންމުކުރެވޭ ކީރިތި ޤުރްއާނާ ބެހޭ ޚާއްޞަ ދާއިމީ މައުރަޒެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުކުރަން ވެސް އަޅުގަނޑު ގަސްތުކުރަން. މާތް ﷲގެ ވާގިފުޅާއެކު އެ ކަން ވެސް ޙަޤީޤަތަކަށް ހަދާނަން.'
ރައީސް ވިދާޅުވީ އިނާމާއި ހަދިޔާ ދީގެންނާއި އަދި ވަޞީލަތްތައް ފޯރުކޮށްދީގެންވެސް ކީރިތި ޤުރުއާނަށް ދިވެހިންގެ ހިތްތަކުގައި ލޯބި ޖެއްސުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ކީރިތި ޤުރުއާނަށް މި ދިވެހި ފަސްގަނޑުން ޙައްޤު މަތިވެރި ދަރަޖައާއި ޖާގަ ދިނުމުގައި މި ސަރުކާރު ފިސާރި ދީލަތިވާނެ ކަމަށްވެސް ރައީސުްލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢީއްޒު ވިދާޅުވިއެވެ.



