ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ އާތު އަވާ މާދަމާ ރޭ ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، އާތު އަވާ ފާހަގަކުރާނީ މާދަމާ ރޭ 20:30 އިން 21:30 އަށް ކަމަށެވެ. މި ގަޑީގައި ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ދިއްލުންތައް ނިއްވާލުމަށް މިނިސްޓްރީން އާންމުންނަށް ގޮވާލައިފިއެވެ.
މިނިސްޓްރީން ބުނެފައިވަނީ އާތު އަވާއަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެއް ކަމަށެވެ. މި ހަރަކާތުގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމު ދައްކުވައިދިނުން ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
"ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް. އެހެންވީމާ، އާތު އަވާ ހަރަކާތުގައި އެންމެން ވެސް ބައިވެރިވެ، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހަންމިއްޔަތުކަން ދަމަހައްޓަން އަޅުގަނޑުމެން އިލްތިމާސްކުރަން،" މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހަރަކާތުގައި ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރި ކުންފުނިތަކުންނާއި އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަށް މިނިސްޓްރީން އެދިފައިވެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެކަމުގެ ސަބަބުން ނެތިދާ ދިރުންތަކާއި މާހައުލީ ބަދަލުތަކަށް ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން، އާތު އަވާގައި ބައިވެރިވުމަށް މިނިސްޓްރީން ގޮވާލައިފައިވެއެވެ.



