ރޯދަ މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމުން ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް އިއްޔެ ގެނެސްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކާއި ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުގެ މަތިން މި މަހު 5 އިން އަންނަ މަހު 20 އާ ދެމެދުގައި މުއްދަތު ހަމަވާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ މުއްދަތު އަންނަ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ. އަދި މި މަހު 5 އިން ފެށިގެން މުއްދަތު ހަމަވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު ވެސް އަންނަ މެއި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްދީފަ އެވެ.
މީގެ އިތުރުން، މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް މި މަހު 23 އިން 30 އަށް (ހުކުރު އަދި ހޮނިހިރު ފިޔަވައި) ހެނދުނު 11:00 އިން މެންދުރު 1:00 އަށް އުމަރު ޒާހިރް ބިލްޑިންގެ ގްރައުންޑް ފްލޯގައި މިނިސްޓްރީއަށް ހާއްސަކުރެވިފައިވާ ކައުންޓަރު ހުޅުވިފައި ހުންނާނެ ކަމަށް ބުންޏެވެ.
އެ މުއްދަތުގައި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެ އެވެ.
ނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ހިދުމަތްތަކާ ގުޅޭ ގޮތުން ކޮންމެހެން ގުޅަން ޖެހޭ ހާލަތްތަކުގައި ހެނދުނު 9:00 އިން މެންދުރު 1:00 އާ ދެމެދު 7212719 ނަންބަރަށް ގުޅުމަށް ފަހު މައުލޫމާތު ސާފުކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ބަދަލުތައް ގެނެވިފައި ވަނީ ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.



