މުޅި ރާއްޖޭގައި ހިލޭ ކީރިތި ޤުރުއާން ކިޔަވައިދިނުމަށް ކުލާސްތައް އިތުރު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިހާރު ކުރިޔަށްދާ 36ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކީރިތި ޤުރުއާނުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢުގައިވާ މައްސަލަތައް ހައްލުވާނެ އެވެ. އަޅުގަނޑުމެން އެނބުރި ދާންޖެހޭ ފޮތަކީ އެއީ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ކަންކޮޅުތަކުގައި ޤުރުއާން އުނގަންނައިދިނުމަށް އިންވެސްޓުކޮށްގެންވެސް އަޅުގަނޑުމެން ދިވެހީންގެ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ކީރިތި ޤުރުއާނަށް މިހާބޮޑު އިސްކަމެއް ދެއްވާ ސަބަބު ބަޔާންކުރައްވައި މިރޭ ރައީސް ވިދާޅުވިއެވެ. "ކީރިތި ޤުރްއާނަށް މިހާ ބޮޑު އިސްކަމެއް މި ދެނީ ކީއްވެތޯ؟ ޖަވާބު އަޅުގަނޑުމެން އެންމެން ވެސް ދަންނަމު އެހެން ނޫންތޯ؟ އެހެން ނަމަވެސް ދަންނަވާލާނަން. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގައި މި ވަގުތު މިހިރަ އަޚްލާޤީ ހުރިހައި މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރްއާން. އަޅުގަނޑުމެން ޖެހެނީ އެ ފޮތަށް އެނބުރިދާން. އެ ފޮތުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހައި މާނައެއްގައި ހުރިހައި ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި ޢަމަލުން ސީދާވާން. އަޅުގަނޑުމެންގެ އެންމެ ކުޑަ ކުއްޖާއިން ފެށިގެން އެންމެ ދޮށީ މީހާއާ ހަމައަށް ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ މަތިވެރިވެގެންވާ ކީރިތި ޤުރްއާންކަމުގައިވުން އެއީ ދިވެހީންނަށް ދިވެހި ރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް. އެހެންކަމުން ކީރިތި ޤުރްއާނަކީ އުފެދެމުން ތަރުބިއްޔަތުވަމުން އަންނަ ޖީލުގެ ޢަމަލީ ޙަޔާތުގެ އެންމެ މުހިންމު ބައިވެރިޔާކަމުގައި ހެދުމަށް މި ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭނަން. މާލީ ގޮތުން. ވަސީލަތުގެ ގޮތުން. އަދި ކުރެވޭ ހޭދަޔާއި ދެވޭ އިނާމާއި އަގުވަޒަންކުރުމާއި ހިތްވަރުދިނުމުގެ ގޮތުން ވެސްމެ."
ރައީސް ވިދާޅުވީ އިރާދަކުރެއްވިއްޔާ ކީރިތި ޤުރްއާން ކިޔެވުމުގެ މުބާރާތަކީ މި ރާއްޖޭގައި ކޮންމެ އަހަރަކު ބޭއްވޭ، އިނާމުތައް އެންމެ އަގުބޮޑު، އަދި އިނާމުތައް އެންމެ ގިނަ މުބާރާތްކަމުގައި މި އަންނަ އަހަރުންފެށިގެން ހަދާނެކަމަށެވެ.



