ރާއްޖޭގައި އިސްލާމް ދީނުގެ ކަންކަން ކުރިއެރުވުމަށްޓަކައި ދާރުއްސަލާމް އާއި ދާރުލް އަރްޤަމް ވުޖޫދު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެންމެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކީރިތި ޤުރުއާނަށް ޤައުމީ ހިޔާވަހިކަމެއް ޤާއިމުކޮށް، ޤުރުއާން މަރުކަޒެއް އަލުން ބިނާކުރުމަށް ބިން ދޫކުރުމަށް ރާވާފައިވާކަން ހާމަކުރެއްވިއެވެ. މި ޙަރަކާތުގެ މަޤްޞަދަކީ ޤުރުއާން އުނގެނުމާއި ރައްކާތެރިކުރުމަށް ޚާއްޞަ ޖާގައެއް އުފެއްދުމެވެ.
ޤުރުއާނީ ތަޢުލީމުގެ އާ ޕްލޭންތައް ހާމަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ކީރިތި ޤުރްއާނުގެ ޢިލްމާއި ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް ޓަކައި މާލީ އެހީތެރިކަން ބޭނުންވާތީ އެ ކަމަށް ޚާއްޞަ ވިސްނުންތަކެއް ތަންފީޒުކުރަމުންދާ ކަމަށެވެ.
"މި ގޮތުން ބަލާއިރު، މި ވަގުތު މާލޭގައި ހުރީ ދާރުލް އީމާން ގެ ނަމުގައި ހުރި އެންމެ ވަޤުފު އިމާރާތެއް. މި އިމާރާތަށް އަހަރަކު ލިބެނީ 6 މިލިޔަން ރުފިޔާ. މި ސަރުކާރުގެ ވިސްނުމަކީ ދީނީ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަން ޖެހޭ ހޭދަޔަށް މާލީ ފުދުންތެރިކަން އިތުރުވާނެ އިތުރު ގޮތްތައް ހޯދުން. އެހެންކަމުން ދާރުއްސަލާމްގެ ނަމުގައި އާ ވަފުޤު ޢިމާރާތެއް އެޅުމަށް ޓަކައި މަސައްކަތްކުރެވެމުން އެބަދޭ. ހަމަ އެހެންމެ ދާރުލްއަރްޤަމްގެ ނަމުގައި އެހެން ވަޤުފު ޢމާރާތެއް އެޅުމަށް ބިމެއް ހަމަ ޖެހި އެ ބިން ރަޖިސްޓަރީ ކުރުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ކުރިޔަށް ގެންދަވާނެ. " ރައީސް ވިދާޅުވިއެވެ.



