ރާއްޖޭގެ އިލްމުވެރިންނާއި އިމާމުންނާއި ޚަތީބުންނަށްރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ތިންވަނަ ބެޗުގެ ބައިވެރިން މިރޭ ބްރޫނާއީ އަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވަނީ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިރޭ ބްރޫނާއީ ދާރުއްސަލާމަށް ފުރާ 20 އިމާމުންނާއި ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޙިއްސާކުރައްވާ ޝަހީމް ވިދާޅުވީ މިއީ ރާއްޖެއިން ބޭރަށް މިއަހަރު އިމާމުން ދާ ތިން ވަނަ ފަހަރު ކަމަށާއި މިއަހަރުގެ މިހާތަނަށް 60 އިމާމުން ރާއްޖެއިން ބޭރަށް ފޮނުވިފައިވާ ކަމަށެވެ.
އިމާމުންނާއި ޚަތީބުންގެ ދެވަނަ ބެޗު އިތުރު ތަމްރީނަށް ސައުދީއަށް ފުރާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އެ ދަތުރުގައި 18 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އެންމެ ފުރަތަމަ ބެޗު ތަމްރީނު ހޯދުމަށް ގޮސްފައިވަނީ މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައެވެ.
އިސްލާމިކް މިނިސްޓްރީން އިސް ނަގައިގެން ދާދި ފަހުން ވަނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއެއް ވެސް އިފްތިތާހުކޮށްފައެވެ. އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއަކީ އިސްލާމިކް މިނިސްޓްރީން އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި ތަފާތު 11 ސަރަހައްދަކަށް ބަހާލައިގެން މުޅި ރާއްޖޭގެ ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ދުވަހުގެ ތެރޭގައި 700 އިމާމުންނަށް ތަޖުރިބާ އާއި ތަމްރީން ދިނުމެވެ. އެގޮތުން އިމާމުންނަށް މާސްޓާސް އަދި ޕީއެޗްޑީއަށް ވެސް ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށް ދިނުމަށްވެސް ވަނީ ނިންމާފައެވެ.



