ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅަމުންދާ ފްލެޓުތައް މި އަހަރު ހަވާލުކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ހަމްދާން ވިދާޅުވީ އެ މަޝްރޫއުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، އެ ދަތިތަކުން އަރައިގަނެ 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ނިންމައި މިއަހަރު ހަވާލު ކުރެވޭނެ ކަމަށެވެ.

އެކަން ކާމިޔާބުކުރުމަށްޓަކައި ހަމްދާން ވިދާޅުވީ އެ މަޝްރޫއުގެ ކޮންޓްރެކްޓަރެއް ކަމަށްވާ އެންބީސީސީއިން އިތުރު 250 މަސައްކަތުމީހުން މި މަހު ގެންނާނެ ކަމަށެވެ.

ޓަވަރުތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ނިމުމާ އެކު ފިނިޝިން މަސައްކަތަށް ހާއްސަ މަސައްކަތު މީހުން ގެންނަން ރާވާފައިވާއިރު، ހަމްދާން ވިދާޅުވީ އިތުރަށް ގެންނަ މަސައްކަތުމީހުންނާ އެކު ޖުމްލަ އަދަދު 3،000 އަރާނެ ކަމަށެވެ.

އެފްޑީސީއިން ހުޅުމާލޭގައި އިމާރާތް ކުރަމުންދަނީ 17-18 ފަންގިފިލާގެ 32 ޓަވަރެވެ. ކޮންމެ ފަންގިފިލާއެއްގައި ހުންނާނީ އަށް އެޕާޓްމަންޓެވެ. ޖުމްލަ 4،000 ހައުސިން ޔުނިޓުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓްތަކެވެ.