މިފްކޯގެ މަސް ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެއެވެ.
މިފްކޯއިން ބުނީ އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައި މިވަނީ މި ދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް އަދި ކިރާ މަހުގެ އަދަދުވެސް ދަށް ދުވަސްވަރަކަށް ވާތީ ކަމަށެވެ.
މިފްކޯއިން ބުނީ އެ ކުންފުނިން ވިއްކާ ކަޅުބިލަ މަހުގެ ބާވަތްތައައް ލިބުން ދަތިވެފައިވާ ކަމަށެވެ. ނަމަވެސް ދަޅުމަސް ފޯރުކޮށްދިނުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މަސް ކުންފުނިތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ކިރާފައިވާ މަހުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %39 ވަނީ ދަށަށް ގޮސްފައެވެ.
މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކަށް ކިރާފައިވަނީ 31,873 މެޓްރިކް ޓަނުގެ މަހެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ކިރާފައިވަނީ 52,657 މެޓްރިކް ޓަނުގެ މަހެވެ.



