ދެ ރަށެއްގައި ވިއްކި ތެލުގައި ފެން ހުރި ވާހަކަ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ދޮގުކޮށްފިއެވެ.
އެފްއެސްއެމް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރި ކަމަށް ލިޔެ ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.
އެފްއެސްއެމް އިން ބުނީ އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަޤީންކޮށް ދިނުމަށް ފެނަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހުރިހާ ބާރޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމުގެ ޔަޤީންކަން އެ ކުންފުނީގެ ތެޔޮ ގަނެ ބޭނުންކުރާ ހުރިހާ ފަރާތްތަކަށް އަރުވާ ކަމަށެވެ.
މީގެ އިތުރުން އެފްއެސްއެމް އިން ވަނީ ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމްތައް ތަރައްޤީކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާއި އެއްގޮތަށް ޢަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.



