ޗައިނާއާއި އެމެރިކާއިން ކަސްޓަމްސް އަށް ދެ ޑްރޯން ދޭން ނިންމާފައިވާ ކަމަށް ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުން މާނިއު މިއަދު ވިދާޅުވީ އެމެރިކާ އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ދެ ޑްރޯން ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މާނިއު ވިދާޅުވީ މި ޑްރޯންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބޯޑަރަށް ވަންނަ ބޭރުގެ އުޅަނދުތައް މޮނީޓާ ކުރުމަށް ކަމަށެވެ. އެ އުޅަނދުތައް މޮނީޓާ ކުރެވޭ ވަރަށް ކަސްޓަމްސްގައި ވަސީލަތްތައް ޤާއިމްވެފައި ނެތްކަން ފާހަގަކުރައްވާ މާނިއު ވިދާޅުވީ ޑްރޯން އެއް ފޮނުވައިގެން އުޅަނދު މޮނީޓާ ކުރުމަށްފަހު އެއްވެސް ކަހަލަ ނުރައްކަލެއް އުޅޭނަމަ އުޅަނދެއް ފޮނުވޭނެ ކަމަށެވެ.
މާނިއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދުމަށްޓަކައި ޖަޕާނު ސަރުކާރުގެ ފަރާތުން 85 ފޫޓުގެ އުޅަނދެއްވެސް ލިބޭނެ ކަމަށެވެ. އަދި ޗައިނާއާއި އެމެރިކާއިން ވެސް އުޅަނދެއް ލިބޭނެ ކަމަށް މާނިއު ވިދާޅުވިއެވެ.
މާނިއު ވިދާޅުވީ ޗައިނާ އަދި އެމެރިކާއިން ރާއްޖެއަށް ގެންނަ ޑްރޯން ތަކަކީ ކަސްޓަމްސްއަށް ލިބޭ ޑްރޯން އެއް ނަމަވެސް، އެ ޑްރޯންތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކަސްޓަމްސް އެކުގައި ކަމަށެވެ.
އޭގެ ސަބަބުން ކޯސްޑުގާޑުގެ އުޅަނދުތަކުގެ އަދަދު އިތުރުވެ، ދަޢުލަތުގެ ޚަރަދުތަކަށް ބޮޑު ލުޔެއްވެސް ލިބިގެންދާނެ ކަމަށް މާނިއު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ބޯޑަރު ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ސަރުކާރުން ވަނީ ތުރުކީއިންވެސް މި ފަހުން ޑްރޯންތަކެއް ގެނެސްފައެވެ.



