ޝަރުތު ހަމަވާ ފަރާތެއް ކުރިމަތިލާފައި ނެތުމުން މިފްކޯގެ ސީއީއޯއެއް ހޯދުމަށް ކުރި އިއުލާނު ކެންސަލްކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) ބޯޑުން ބުނީ މިފްކޯއަށް ސީއީއޯއެއް ހޯދުމަށްޓަކައި 26 ޖޫން 2024 ވަނަ ދުވަހު ކުރި އިއުލާނަށް ޝަރުތުހަމަވާ އެއްވެސް ފަރާތެއް ކުރިމަތިލާފައިނުވާތީ އެ އިއުލާނު ކެންސަލްކޮށްފައިވާ ކަމަށެވެ.
މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި މީގެ ކުރިން ހުންނެވީ އަހުމަދު ސަމާހު ރަޝީދު އެވެ. އޭނާ އެ މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.
އެ މަޤާމުން ސަމާހު ވަކިކުރި ވާހަކަ ޕީސީބީ ބޯޑުން ބުނި ނަމަވެސް ވަކި ކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ސަމާހު މަޤާމުން ވަކިކޮށްފައިވަނީ މިދިޔަ މާޗް 18 ވަނަ ދުވަހު އޭނާ މަޤާމުން ސަސްޕެންޑުކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ އެޕްރީލް މަހުގެ ތިންވަނަ ހަފްތާގެ ތެރޭގައި ސަސްޕެންޝަން އުވާލި ފަހުންނެވެ.
ސަމާހް ސަސްޕެންޑް ކުރީ ސިޔާސީ ބޭނުންތަކަށް މިފްކޯގެ އިމާރާތެއް ބޭނުންކުރުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބައެއް މީހުންނަށް ވަޒީފާ ދިނުމާއި ނިމިގެން ދިޔަ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓުންނަށް ހަދިޔާ ދިނުން ފަދަ ކަންކަން ކުރުމާ ގުޅިގެންނެވެ.



