އިސްލާމިކް މިނިސްޓްރީގެ އާ ވެބްސައިޓު މި މަހު 26 ގައި އިފްތިތާޙުކުރުމަށް ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މިނިސްޓްރީގެ އާ ވެބްސައިޓު ޖުލައި 26 ގައި އިފްތިތާޙުކުރެވިގެންދާއިރު، އެ ވެބްސައިޓުގައި އޮންލައިން ލައިބްރަރީއެއް ހުންނާނެ ކަމަށެވެ. އަދި ވެބްސައިޓު ފަރުމާ ކުރެވިފައިވާނީ ފޮތްތައްވެސް ޑައުންލޯޑުކުރެވޭ ގޮތަށް ކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިނިސްޓްރީން ނެރެފައިވާ ހުރިހާ އިސްލާމިކް ރެފެރެންސް ފޮތްތައް ހުންނާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ކީރިތި ރަސޫލާގެ ސިޔަރަތުގެ ދިވެހި ބަހުން ވީޑިއޯއިން ރިޕޯޓްތަކުގެ ސިފައިގައި ބަލައި އަޑު އަހާލަން ޚާއްޞަ ޔުނިޓެއްވެސް ވެބްސައިޓުގައި ފަރުމާކުރެވިފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ރިސާލަތު ޕްރޮގްރާމްގެ ހުރިހައި މައުޟޫއެއް ދިވެހި އަދި އިނގިރޭސި ބަހުން ލިބެން ހުންނާނެ ޚާއްޞަ ޔުނިޓެއް ވެސް ޤާއިމްކުރެވިގެންދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އިދާރީ ހުރިހައި މުޢާމަލާތަކާ ގުޅޭ މައުލޫމާތާއި އުޞޫލުތަކާއި ފޯމްތައް ވެސް ސައިޓުން ލިބެން ހުންނާނެ ކަމަށެވެ.



