ޣައްޒާގެ ކެންސަރު ހޮސްޕިޓަލް އަސްކަރީ މަރުކަޒެއްގެ ގޮތުގައި އިޒްރޭލުން ބޭނުންކުރުމުން ތުރުކީ އިން އެކަން ކުށްވެރިކޮށްފިއެވެ.
ތުރުކީ އިން ބުނީ ޣައްޒާގެ ހަމައެކަނި ކެންސަރު ހޮސްޕިޓަލް އަސްކަރީ މަރުކަޒެއްގެ ގޮތުގައި އެތައް މަހެއް ވަންދެން ބޭނުންކުރުމަށް ފަހު، އެ ހޮސްޕިޓަލަށް އިޒްރޭލުން ގެއްލުން ދީފައިވާ ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެކަމުގައި ޒިންމާވާ ފަރާތްތައް ބައިނަލްއަގުވާމީ ކޯޓުތަކުގައި އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް ތުރުކީން ބުންޏެވެ.
އިޒްރޭލުން މެދު ނުކެނޑި ޙަމަލާތައް ދެމުން އަންނަ އިރު ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ އަންނަނީ ގެއްލުވާލަމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ފަސް ކުޑަކުދިންނާއެކު 11 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް38,664 މީހުން ޝަހީދުވެ 89,097 މީހުން ވަނީ ޒަޚަމްވެފައެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިސްރާއީލުގައި މަރުވި މީހުންގެ އަދަދު 1139 އަށް އަރާއިރު، ޣައްޒާގައި އަދިވެސް އެތައް ބަޔަކު ތިބީ އިޒްރޭލުގެ ހައްޔަރުގައެވެ.



