ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް ކަމަށްވާ ޒަޕޮރީޜިޔާ ނިއުކްލިއާ ޕްލާންޓް އަދިވެސް އޮތީ ރަޝިޔާގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި އެތަން މިނިވަން ކުރުމަށް އދ. އިން ގޮވާލައިފިއެވެ.
193 މެމްބަރު ގައުމުގެ ތެރެއިން 99 ގައުމަކުން ގަރާރަށް ތާއީދު ލިބުނުއިރު، އެ ގަރާރާ ދެކޮޅަށް ނުވަ ގައުމަކުން ވޯޓު ދިނެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވި 60 ގައުމެއް ވެއެވެ.
އެ ގަރާރުގައި ރަޝިޔާގެ ސިފައިން ޒަޕޮރީޜިޔާ ނިއުކްލިއާ ޕްލާންޓުން ނުކުތުމަށް ގޮވާލާފައިވާއިރު، އެތަނުގެ ހުރިހާ ކޮންޓްރޯލެއް އަނބުރާ ޔޫކްރޭނަށް ދިނުމަށް ޑިމާންޑު ކޮށްފައި ވެއެވެ. އެތަނުގައި ނުރައްކާތެރި ހާދިސާއެއް ނުހިނގަނީސް ސަލާމަތުން ޔުކްރޭނާއި އެތަން ހަވާލު ކުރުމަށްވެސް ގަރާރުގައި ވެއެވެ.
ޔޫކްރޭންގެ ހަނގުރާމަ ފެށުނު އިރު، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ވަނީ ޔޫރަޕްގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓް ރަޝިއާ ސިފައިންގެ ކޮންޓުރޯލްގެ ދަށަށް ގެނެސްފައެވެ.
ދޭތެރެ ދޭތެރެއިން އެ ޕުލާންޓު ކައިރީގައި ނުރައްކާތެރި ހާދިސާތައް ހިނގައެވެ. ނަމަވެސް އެފަދަ ކޮންމެ ފަހަރަކު ރަޝިއާ އާއި ޔުކްރޭނުން އެ އަމަލު އަނެއް ގައުމުގެ ބޮލުގައި އަޅުވައެވެ.
ރަޝިއާއިން ބުނަނީ އެގައުމުގެ ބެލުމުގެ ދަށުގައި އެ ޕްލާންޓު ހުރީ ޔުކްރޭނުން އެތަނަށް ދީފާނެ ހަމަލާއެއްގެ ސަބަބުން ސަރަހައްދުގައި ދިމާވާދެނާ ނުރައްކާތެރި ހާދިސާއަކުން ސަލާމަތް ކުރުމަށްޓަކައެވެ.



