އިޒްރޭލުގެ ޖަލުތަކުގައި ތިބޭ ފަލަސްތީނު ރައްޔިތުންނާމެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށާ، ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރަމުންދާ ކަމަށް ޖަލުން ދޫކޮށްލި ފަލަސްތީނުގެ ބޮޑީބިލްޑަރު މުޢައްޒާޒު އަބާޔަތު ބުނެފިއެވެ.
މިހާރު ފެށިގެން އުޅޭ ހަނގުރާމައިގެ ތެރޭގައި އިޒްރޭލު ސިފައިން އޭނާ ހައްޔަރުކޮށް ޖަލަށްލީއިރު، އެތަނުގައި ގިނަ އަދަދެއްގެ ގައްޒާ ރައްޔިތުން ތިބިއިރު އަނިޔާގައި ކެތްނުވެ ދުވާލަކު މީހަކު ލޯކުރިމަތިން ގެއްލިގެންދަނީ މަރުވެގެން ކަމަށްވެސް އޭނާ ބުންޏެވެ.
އަބާޔަތު ބުނީ އޭނާ ދޫކޮށްލިކަމުގައިވިޔަސް އަދިވެސް ދޫކޮށްލި ކަމުގެ އިހުސާސެއް ނުކުރެވެއެވެ. ހީވަނީ ހަށިގަނޑުގެ އެތެރޭގައިވެސް ޖަލެއް ހުރި ހެންނެވެ.

އޭނާ މިހެން ބުނީ އިޒްރޭލު ސިފައިން އޭނާއަށް ދީފައިވާ އަނިޔާތަކުގެ ސަބަބުން ލިބިފައިވާ ޝޮކެއްގެ ބޮޑުކަމުންނެވެ. ޖަލަށް ލުމުގެ ކުރިން ޖިސްމާނީ އެއްވެސް މައްސަލައެއް ނެތް ބޮޑީބިލްޑަރު ޖަލުން ދޫކޮށްލިއިރު ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. އަދި ރަނގަޅަށް ނުވެސް ހިނގެއެވެ. އަތާއި ފައިވެސް ވަނީ ބަޅުވެފައެވެ. ނުކުޅެދޭ މީހަކަށް ބަދަލުވެފައެވެ. އޭނާ ސިފަކުރި ގޮތުގައި އެ ޖަލަކީ ގުއަންޓަނާމޯބޭ ޖަލު ފަދަ އަނިޔާވެރި ޖަލެކެވެ.



