އިސްލާމް ދީނުގައި އެއްވެސްކަމެއްގައި ހައްދު ފަހަނައަޅައި ދިޔުމެއް ނެތެވެ. ދީނުގައި އަންގަވާފައި އޮތީ ، ކާށެވެ. ބޯށެވެ. އެހެނެއްކަަމަކު އިސްރާފު ނުކުރާށެވެ. ނަމަވެސް ތިމާގެ ޙައްޤެއް ހޯދުމަށް ހަލާލު ވަޞީލަތްތަކުގައި ޓޫލްސްގައި ހިފުމަކީ އަދި ހިފައިގެން މަސައްކަތްކުރުމާއި އެގޮތުގައި ޘާބިތުވެ ތިބުމަކީ ހައްދުފަހަނަ އެޅުމެއް އަދި އިސްރާފުކުރުމެއް ނޫނެވެ.
ދަންނަވަން މިއުޅެނީ ، ދުނިޔޭގައި މިހާރު ހިނގާ ހަނގުރާމަތަކާއި ޢާއްމުވަމުންދާ ފިތުނަތަކާއި އަލަށް ތަޢާރަފްވާ ކުށްތަކާއި އެކި ނަންނަމުގައި ، އިތުރުވަމުންދާ ޓެކްސްތަކާއި ތަކެތީގެ އަގަށް އަންނަ ބަދަލުތަކާއި ތަޢާރަފްވަމުން އަންނަ ބަލިތަކަށް ބަލާއިރު މިއިން ކޮންމެ ކަމަކީ ކޮންމެ ވަގުތަކުވެސް ދިރިއުކުމަށް ނޭނދެވޭ އަސަރު ކޮށްފާނެ ކަމެއްކަމަށް ބަލައި މިކަންކަމުގެ މައްޗަށް އިސްރާފު ކުޑަކުރުމަށް ދިވެހިން ވިސްނަނީ ކިހާވަރަކަށް ބާވައެވެ.؟
އުޅޭ އުޅުމާއި ކުރާކަންތައްތަކަށް ބަލާއިރު މާބޮޑު ފިކުރުކުރުމެއް ނެތި އަދި އެއްވެސްވަރެއްގެ ހިފެހެއްޓުމެއް ނެތި ދިރިއުޅުމުގެ އާދަތައް ގިނަބަޔަކު ގެންގުޅޭކަން އެއީ ދެބަސްވެވެން ނެތް ޙަޤީޤަތެކެވެ.
ބަނޑުހައި ނުވަނީސް ރެސްޓޯރެންޓުތަކަށް ގޮސް ކެއުމާއި ގުރޫޕް ހަދައިގެން ގޮސް ކޮފީ މޭޒުތައް ފަޅުފިލުވުމާއި ބޭނުން ނުވާ ވަރަށް އޯޑަރު ދިނުމާއި ، ގިނަވަގުތު އެތަންތަނުގައި ވަގުތު ހޭދަކުރުމަކީ ވެސް އިސްރާފުކުރުމެވެ. އެހެން ނަމަވެސް މިކަން ވެސް ދިވެހި މުޖުތަމަޢުގައި ދިރިއުޅުމުގެ ބައެއްކަމަށް ހަދާފައިވާ ކަހަލައެވެ. މާލޭގެ ހާބަރު ކަޑަތަކާއި ހޮޓާ ރެސްޓޯރެންޓް ތަކަށް ބެލުމުން ގޭގައި ކައްކާފައި ކާންދޭނެ މީހަކު ނެތީބާވައޭ ހިތަށް އަރައެވެ. އެތަންތަނުން ނުކާށެކޭ ނޫނެވެ ، ކޮންމެހެން ދާންޖެހޭވަގުތު ހާލަތު ނިޔާކުރާގޮތުން ނުދާށެކޭ ވެސް ނޫނެވެ . ވަގުތު ބޭކާރުކުރުމާއި ބަނޑުހައި ނުވަނީސް ކެއުމާއި ، ގޭގައި އަނބި ދަރިންނާއެކު ކެވެންއޮއްވައި ހޮޓާތަކަށް ގޮސް ކެއުމަކީ އެންމެ ރަނގަޅު ގޮތް ނޫންވާހަކައެވެ. ޔަޤީނުން ވެސް ކަޑަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓް ތަކަށް ގޮސް ފުރި ބާރުވެފައި ތިބޭހާ މިހުންނަކީ ލިބޭ އެއްޗަކުން ތިންބައި ކުޅަ އެއްބައިވެސް ފަހަށް ރައްކާ ކޮށްފައި އެފަދަ ތަންތަނަށް ގޮސްތިބޭ މީހުންނެއް ނޫނެވެ.
ލޯނަށާއި ކަރަންޓާއި ފެނަށް ޚަރަދު ކޮށްފައި އަނބި މީހާއަށް ނުވަތަ އަނބި ދަރިންނަށް ޚަރަދުތައް ފުރިހަމަ ކޮށްފައިވާ މީހުންހެއްޔެވެ. އެހެންކަމަށްވާނަމަ ޟަރޫރީ ބޭނުންތަކަށް ފައިސާނެތި ގެއިން ކޮފީ ބުއިމާއި ކެވެން އޮއްވައި ހޮޓާތަކާއި ރެސްޓޯރެންޓްތަކަށް ގޮސް އަތްމަތި ހުސްކޮށްލުމަކީ އިސްރާފުކުރުން ނޫންގޮތަކަށް ނުވާނެއެވެ. ހޮޓާ ތަކަށާއި ރެސްޓޯރެންޓުތަކުން ނުކާށެކޭ ނޫނެވެ. ނުބޯށެކޭ ވެސް ނޫނެވެ ރީތި އަންނައުނު ވެސް ނުގަންނާށެކޭ ނޫނެވެ. ކޮންމެ ކަމެއްގައިވެސް މެދު މިނެއް ހިފެހެއްޓުމެއް އޮންނަން ޖެހޭނެ ވާހަކައެވެ. ލިބޭ މިންވަރު ދަނެގެން ލިބެން އޮތް އެއްޗެއް ދަނެގެން މިހާރު ލިބެމުންދާ އެއްޗެއް ނުލިބި ދާނެކަމަށް ވެސް ދަނެގެން ފުދޭ މިންވަރަށް ޚަރަދު ކޮށް ފަހަށް ފައިސާ އެއް ރައްކާކުރުމުގެ އާދަ ހަރުލެއްވުން މުހިއްމު ވާހަކައެވެ.
ކޮންމެހެން ކުރަން ނުޖެހޭ ކަމަކަށް ޚަރަދު ކުރުމަކީ ވެސް އިސްރާފެކެވެ. ކުރަން ޖެހޭ ޚަރަދެއް ކުރަން ޖެހުނަސް އިތުރަށް ޚަރަދު ކުރުމަކީ އިސްރާފެކެވެ. އިސްރާފް ކުރުމަކީ ދަރަނި ވެރިވާ ކަމެކެވެ. އެއީ ނުފޯރާފޮތިން ފޫގަޅަށް ޖެހިދާނެކަމެކެވެ. މީސްތަކުންގެ ދިރިއުޅުން ބައްޓަން ކުރުން ރަނގަޅީ ލިބޭ މިންވަރު ދަނެގެން ބޭނުންތަކަށް ބަހާލައިގެންނެވެ.
އެއްވެސްކަމެއްގައި ހައްދުފަހަނައަޅާ ދިޔުމަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާކަމެކެވެ. ހައްދެއް ނެތި ނިޢްމަތްތައް ބޭނުންކުރުމަކީ އިސްރާފެކެވެ. ކޮންމެ އިސްރާފަކީ ގެއްލުމެކެވެ. އެއީ ﷲ سبحانه وتعالي ނުރުއްސަވާނެ ކަމެކެވެ. އެކަމަކީ ކީރިތި ޤުރުއާނާއި ރަސޫކާގެ ޙަދީޘުން ޘާބިތުވާކަމެކެވެ. އިސްރާފް ކުރުމަކީ ﷲ ރުހިވޮޑިގެން ނުވާ ކަމެއްކަން ކީރިތި ޤުރުއާނުގެ الاعراف ސޫރަތުގެ 31 ވަނަ آية ދަލީލު ލިބެއެވެ. قوله تعالى: ﴿ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِينَ ﴾ سورة الاعراف الاية .31)



