ނޭޕާލްގެ ބޮޑު ވަޒީރުކަމުގެ މަޤާމަށް ޕްރަސާދް ސޮރްމާ އޮލީ ޢައްޔަންވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޭޕާލްގެ ބޮޑު ވަޒީރަކަށް ސޮރްމާ އައްޔަންކުރެއްވުމާ ގުޅިގެން ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށާއި ދިވެހިރާއްޖެއާއި ނޭޕާލަކީ ރައްޔިތުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ނޭޕާލާއެކު މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޮޑުވަޒީރު ކަމުގެ މަޤާމަށް ސޮރްމާ އައްޔަންކުރައްވާފައިވަނީ ނޭޕާލްގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ގުޅިގެން އިއްތިހާދެއް އެކުލަވާލައިގެންނެވެ. މިއީ 72 އަހަރުގެ ސޮރްމާ ނޭޕާލްގެ ބޮޑު ވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގަންނަވާ ހަތަރު ވަނަ ފަހަރެވެ.
ސޮރްމާ އަކީ ނޭޕާލްގެ ކޮމިއުނިސްޓް ޕާޓީގެ ވެރިޔާ އެވެ. އޭނާ އަށް ބޮޑު ވަޒީރު ކަމުގެ މަޤާމު ލިބިވަޑައިގެންފައިވަނީ އެ މަޤާމު ފުރުއްވަމުން ގެންދެވި ޕުސްޕާ ކަމަލް ދަހަލްގެ ސަރުކާރު ރޫޅި، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ފާސްކުރުމާ ގުޅިގެންނެވެ.



