ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އިތުރު ސެކިއުރިޓީ ޗެކްޕޯސްޓެއް ޤާއިމްކޮށް ސަލާމަތީ ކަންތައްތައް ހަރުދަނާކޮށްފިއެވެ.
އާ ޗެކްޕޯސްޓު ޤާއިމްކޮށްފައިވަނީ ވީއައިއޭގެ އިރުމަތީގައެވެ. އެއާޕޯޓުގެ އިރުމަތިން ވަދެ ނުކުންނަ ހުރިހާ މީހުން މި ޗެކްޕޯސްޓުން ސްކޭންކުރުރުމަށް ވަނީ ހަމަޖެހިފައެވެ.
އެންމެ ފަހުގެ ޒަމާނީ އާލަތްތަކާއި ވަސީލަތްތަކާއެކު ޤާއިމްކުރި މި ޗެކްޕޯސްޓް އިފްތިތާޙުކޮށްދެއްވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް އެވެ.
ޗެކްޕޯސްޓް އިފްތިތާޙުކޮށްދެއްވުމަށްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އެއާޕޯޓަކީ ސަލާމަތާއި ރައްކާތެރިކަމާއެކު ފަސިންޖަރުން ފުރައި ލަފާ ތަނެއް ކަމަށާއި އައު ޗެކްޕޯސްޓަކީ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތުގައި އެޅި ފިޔަވަޅެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ ޤާއިމްކުރެވިގެން މިދިޔައީ ވަރަށް ޒަމާނީ ފެންވަރުގެ ޗެކްޕޯސްޓެއް ކަމަށާއި އެއާ ސައިޑަށް އަންނަ އަދި ވަންނަ ހުރިހާ މީހުންނާއި އުޅަނދުފަހަރު އޭވިއޭޝަން ސެކިއުރިޓީން ބައްލަވާނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ޗެކްޕޯސްޓުގެ ސަބަބުން ކަސްޓަމްސްގެ މަސައްކަތްތަކަށް އިތުރު އެހީއަކަށް ވެސް ވެގެންދާނެ ކަމަށެވެ. އެގޮތުން އިޖްތިމާއީ ރައްކާތެރިކަމަކީ ކަސްޓަމްސްގެ މެންޑޭޓުގައި ހިމެނޭ ކަމަކަށް ވާއިރު ރާއްޖެއަށް އެތެރެ ކުރާ މަސްތުވާތަކެއްޗާއި އެތެރެކުރުން މަނާ އެހެނިހެން ތަކެތި ހިފެހެއްޓުމަކީ ވެސް ކަސްޓަމްސްގެ ޒިންމާއެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އަލަށް ޤާއިމްކުރެވިގެންދިޔަ ޗެކްޕޯސްޓަކީ މަސްތުވާތަކެތި ނުގަވައިދުން ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަށް ކަސްޓަމްސްއަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އެއާޕޯޓުގެ ސަލާމަތީ ކަންކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ވެސް ސަލާމަތީ ފިޔަވަޅުތައް އެޅިގެންދާނެ ކަމަށެވެ.



