ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ އިޚުލާސްތެރި ވެރިއެއް މަދުން ނޫނީ ނުލިބޭނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ފަރާތުން ރޭ މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒަކީ އިޚުލާސްތެރި ތެދުވެރި ބޭފުޅެއް ކަމަށާއި ހިކުމަތްތެރި ސިޔާސީ ވަރުގަދަ ލީޑަރެއް ކަމަށެވެ. އެމަނިކުފާނަކީ ދެގޮތެއްނުވާނޭ ލީޑަރެއް ކަމަށާއި އިންތިހާބަށް ހޮވުމަށްފަހުގައިވެސް ރައްޔިތުން ދޫކޮށްނުލާ ކަމަށް ސެމްބެ ވިދާޅުވިއެވެ.

"އެއީ މިފަދަ ވެރިއެއް މަދުން ނޫނީ ނުލިބޭނެ. ރައްޔިތުންނާ އިހުލާސްތެރިކޮށް، ތިބޭފުޅުންނާ ބައްދަލުވާ ކޮންމެ ފަހަރަކު އެބޭފުޅާގެ މޫނުމައްޗަށް ބައްލަވާލެއްވީމަ ވެސް އެނގޭނެ އެބޭފުޅާގެ ތެދުވެރިކަން. ރައްޔިތުންނާ ބަހައްޓަން ބޭނުންފުޅުވާ ގާތްކަން، އެކުވެރިކަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ސެމްބެ ވިދާޅުވީ ރައީސް މުއިއްޒު ކޮންމެ ދުވަހަކުވެސް ރައްޔިތުން ބޭނުންވާ ކަންތައްތައް ބަލައި އެކަންތައްތައް އަވަސްކޮށްދެއްވުމަށް އެދިލައްވާ ކަމަށެވެ. ރައްޔިތުންނާ ގުޅުން ހުރި ކަންތައްތަކުގައި ވީހާވެސް ލުއި ގޮތްތައް ހޯދައިދީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އެމަނިކުފާނު ދެގޮތެއް ނުވެ ހުންނަވާ ކަމަށެވެ. އެހެންކަމުން އެފަދަ އިޚުލާސްތެރި، ތެދުވެރި އަދި ކެރުންތެރި ވެރިޔަކު ރައްޔިތުންނަށް މަދުން ނޫނީ ނުލިބޭނެ ކަމަށް ވިދާޅުވެ ސެމްބެ ވަނީ ރައީސް މުއިއްޒަށް ތައުރީފްކޮށްފައެވެ.

މިފަދަ ވެރިޔަކު ގައުމު ހިންގަން ހަވާލުވެ ހުންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމަނިކުފާނަށް ލިބުން ވަރަށް މުހިންމު ކަމަށް ސެމްބެ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަށް އެމްޑީޕީ ފަރިތަ ނޫން ކަމަށާއި އެ ޕާޓީއަކީ ބަރުލަމާނީ ނިޒާމެއްގައި އަޅައިގަނެގެން ނެއްޓިގެން ނޫޅޭ ބައެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރިޔާސީ ނިޒާމުގެ ވާހަކަ ދައްކަން އެމްޑީޕީ އަށް ނޭނގޭ ކަމަށާއި ވެރިކަން ލިބުމުން ވެސް އެ ޕާޓީއަށް އުނދަގޫތައް ދިމާވަނީ ވެސް އެ ސަބަބާއި ހުރެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސް އެދިލެއްވީ އަންނަ އާދީއްތަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ރައީސް މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް ރާއްޖެއަށް ތަރައްޤީ ގެނެސްދިނުމަށް ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ނަގައިދިނުމަށެވެ.