ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަ ކޮށްލެވޭ ހ.މިރިހިހައުސް ޙުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަރީފަކީ ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާގައި ތަޖުރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. އަދި މިސްކިތް ބިނާ ކުރެއްވުމާއި، ނިކަމެތިންނަށާއި ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަމުގައި ޝަރީފް އަކީ އިޙްސާންތެރި ބޭފުޅެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޝަރީފް ނިޔާވުމުގެ ހިތާމާގައި ބައިވެރިވެ ޢާއިލާއަށް ތައުޒިޔާ ދަންނަވައި ކެތްތެރިކަން މިންވަރުކޮށްދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށެވެ. އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމަށް އެދޭކަމަށް ރައީސް ވިދާޅުވިއެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ބޮލިފުށި ކުއްޔަށް ހިފާފައިވާ ގޭޓްވޭ މޯލްޑިވްސްގެ މައި ހިއްސާދާރަކީ ޝަރީފް އެވެ. ބޮލިފުށީގެ އިތުރުން ފަތުރުވެރިކަމުގެ އެކިއެކި ވިޔަފާރިތަކުގައި ވެސް ޝަރީފް ވަނީ ހަރަކާތްތެރިވެފައެވެ.
ޝަރީފަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
އުމުރުން 64 އަހަރުގައި ޝަރީފް ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އާދީއަތް ދުވަހުގެ މެންދުރުފަހުއެވެ.
އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ ނިޔާވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ އެކަމާ ހިތާމަކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އަދި ސިޔާސީ ފަރާތްތަކުންވެސް އެ ހިތާމައިގައި ބައިވެރިވެ ހަމްދަރުދީ ފާޅުކުރަމުން އެބަ ގެންދެއެވެ.
ޝަރީފްގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.



