ފ. މަގޫދޫ އާއި އެ އަތޮޅު ދަރަނބޫދޫގައި އާ ލައިސަންސް ޓްރެކެއް ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހުޅުވޭ ޓްރެކްއާ އެކު، އެ ދެ ރަށުގެ ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިން ލައިސަންސް (ލައިސަންސް ކާޑު) ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
މި ޓްރެކް ހުޅުވުމުގެ ކުރިން މިނިސްޓްރީގެ ޓީމެއް އެ ރަށަށް ޒިޔާރަތްކޮށް، ޓްރެއިނިން ޕްރޮގްރާމެއް ހިންގި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމްގެ މަޤުސަދަކީ ލައިސަންސް ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނުތައް ކައުންސިލަށް ދިނުމެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އާ ޓްރެކް ހުޅުވުމާ އެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށް ކައިރި އެހެން ރަށްރަށާއި މާލެ އައުމުގެ ބުރަ ލުއިވާނެ އެވެ. އަދި މިއީ ސަރުކާރުން ލާމަރުކަޒީ އުޞޫލުން ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
މިދިޔަ ޑިސެމްބަރު މަހު މ. ކޮޅުފުށީގައި ވެސް ވަނީ ޑްރައިވިން ލައިސަންސް ޓްރެކެއް ހުޅުވާފައެވެ.
މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ޓްރެކްތައް ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާ އެކު ޑްރައިވިން ލައިސަންސް ހޯދުމުގެ ފުރުޞަތު ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.



