ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއާ ގުޅޭ މައްސަލަތަކުގައި އެގައުމުގެ ކޯޓުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމަކީ އާ ކަމެއް ނޫނެވެ. ނަމަވެސް މިފަހަރު ފެނިގެން މިދިޔައީ އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ޚާން އާއި ކުރި ތިން ވަނަ ކައިވެނި ހަރާމް ކަމަށް ކަނޑައަޅައި، 7 އަހަރަށް އެދެމީހުން ޖަލަށް ލުމަށް ކުރި ހުކުމް ފުރޮޅުނު ތަނެވެ.
ބުޝްރާ ކައިވެނިކުރީ ޢިއްދައިގައި ހުރި މުއްދަތުގައި ކަމަށް ބުނެ އިމްރާން ޚާނާއި ބުޝްރާ ޚާން އަށް ވެސް ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވިޔަސް، ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކޮށް، އިމްރާންޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް (ޕީޓީއައި) ޕާޓީއަށް ގާނޫނު ހަދާ މަޖިލީހުގައި ރިޒާވްކޮށްފައިވާ 70 ގޮނޑިއަށް ވެސް ވާދަކުރުމުގެ ހުއްދަ ދީފިއެވެ.
މި ސިލްސިލާ ހާދިސާތަކުން ޕާކިސްތާނުގެ ޝަރުއީ ދާއިރާގެ ނާތަހުޒީބު ކަމުގެ މައްޗަށް އަލިއަޅުވާލައެވެ. އެއް ކޯޓަކުން ޚާންގެ ކައިވެނީގެ ސައްހަކަމާ މެދު ސުވާލު އުފައްދާއިރު، އަނެއް ކޯޓަކުން އެ ހުކުމް ބާތިލްކޮށް، ޝަރުއީ މަރުހަލާގައި އެއްގޮތްކަމާއި އިންސާފުވެރިކަން ނެތްކަން ހާމަވެ އެވެ. ޕީޓީއައި އިން ވަނީ މި ޝަރުއީ ނިންމުންތަކަށް ފާޑުކިޔައި، ސަރުކާރުގެ ނުފޫޒު އަމާޒުކޮށްފައިވަނީ އިމްރާންޚާން ބަންދުގައި ބެހެއްޓުމަށް ކަމަށް ބުނެފައެވެ.
ނިމިދިޔަ އިންތިޚާބުގައި އިމްރާންޚާން އަށްވެސް އަދި އޭނާގެ ޕާޓީގެ އެއްވެސް ކެނޑިޑޓެއްވެސް އިންތިޚާބުގައި ބައިވެރި ނުކުރުމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ނިންމައި އެކަން ތަންފީޒުވެސް ކުރިއެވެ. އެހެންކަމުން އެފަހަރު އިމްރާންޚާންގެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރީ އަމިއްލަ ގޮތުންނެވެ.
ޕާކިސްތާނުގެ ސަރުކާރުގެ އަމާޒަކީ އިމްރާންޚާން ސިޔާސީ ގޮތުން މުޅިން ބަލިކަށިކޮށް އަދި އޭނާގެ ޕާޓީވެސް ވުޖޫދުން ފޮހެލުމަށެވެ. މި ނިޔަތުގައި ބައިނަލް އަޤްވާމީ ޤާނޫނުތަކާއިވެސް ޚިލާފަށް އެމަނިކުފާނާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން ޕާޓީގެ ގިނަ ބަޔަކުވެސް ޖަލަށްލައި ބަންދުކުރީއެވެ.
ސުޕްރީމް ކޯޓުން މިފަހަރު އިމްރާންޚާންގެ ކައިވެނި ބާޠިލް ނޫންކަމަށް މިކަނޑައެޅީ މިދިޔަ ހަފްތާގައި އދ.ގެ ވޯކިންގ ގުރޫޕުން އިމްރާންޚާން އަށް އިންސާފު ހޯދައިދޭން ގޮވާލި ފަހުންނެވެ.
އެހެންކަމުން، އިސްތިއުނާފު ކޯޓުން ނިންމާފައި ވަނީ އިމްރާންޚާން އާއި ބުޝްރާގެ ކައިވެންޏަކީ ބާތިލްކަން ސާބިތުކޮށްދިނުމުގައި ޕީޖީން ނާކާމިޔާބުވެފައިވާ ކަމަށެވެ.
ހުކުމް ބާޠިލް ކުރިކަމުގައި ވިޔަސް ކޯޓުން ވަނީ އައު ބަންދެއްގައި އަނެއްކާވެސް އިމްރާންޚާން ބަންދުކޮށްފައެވެ. ސަބަބަކީ 2023 ވަނަ އަހަރުގެ މެއި މަހު އިމްރާންޚާން ހައްޔަރުކުރަން ސަލާމަތީ ބާރުތަކުން އައުމުން، އެމަނިކުފާނުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމާއި ގުޅިގެންނެވެ. މިކަމުން ފާހަގަކޮށްލެވެނީ ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނާއި އެގައުމުގެ ޝަރުއީ ދާއިރާއާ ދެމެދު އޮތް މުޑުދާރު ގުޅުންތައް ކަމަށް އިމްރާންޚާންގެ ސަޕޯޓަރުން ބުނެއެވެ. އެހެންކަމުން މިކަންތަކުން މި އެނގެނީ ޕާކިސްތާނުގެ ކޯޓުތަކުން އިމްރާން ޚާންގެ ގާނޫނީ ހަނގުރާމަތައް ބެލެހެއްޓުމުގައި ދެފުށް ދެގޮތްކަމެވެ.



