ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އާ ހެޑް ކޯޗަކަށް ވެޓެރަން ކޯޗު މުހައްމަދު އާތިފް (އާތީ) ރަސްމީކޮށް ހަމަޖައްސައި މަޝްހޫރު ފުޓުބޯޅަކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޤައުމީޓީމުގެ ކެޕްޓަން އަކުރަމް ޢަބްދުލް ޣަނީ (އަކޫ) އާއި، ތަޖުރިބާކާރ މިޑްފިލްޑަރު މުޙައްމަދު އުމައިރުގެ އިތުރުން އަހުމަދު ރިލްވާން (ބެން) އާއި ހުސައިން ފައިސަލް (ފައިޓޯ)ގެ އެއްބަސްވުން އާކޮށްފިއެވެ.

ކަނާތުން ވާތަށް: ބެން، ފައިޓޯ، އަކުރަމް އަދި އުމައިރު (އެއްބަސްވުން އައުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން) / ފޮޓޯ: ވިކްޓަރީ
ވިކްޓަރީގެ ޕްރީ ސީޒަން ފަރިތަކުރުންތައް ކުރިޔަށްދާއިރު ފާހަގަކޮށްލެވޭ އަނެއް ކަމަކީ އެ ކްލަބުން ވަނީ މުހިއްމު ބައެއް ކުޅުންތެރިންނާއެކު ސްކޮޑް ވަރުގަދަކޮށްފައެވެ. އޭގެތެރޭގައި ނިއު ރޭޑިއަންޓް އަދި ވިކްޓަރީގެ ކުރީގެ ކުޅުންތެރިޔާ އަލީ ޝާމިސް އާއި ޓީސީގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗާޑް) އަދި މުހައްމަދު ސާދު ނިޒާރު އާއި ނަޝާހު އަހުމަދު (ނައްޓު)ގެ އިތުރުން ވެލެންސިއާއަށް ކުޅުނު ހަސަން ސުފިޔާން (ސޫފީ) ހިމެނެއެވެ. ހަމައެހެންމެ މާޒިޔާ އަދި ވެލެންސިއާގެ ކުރީގެ ކުޅުންތެރިޔާ އަމްދާން އަލީ (އެންޑީ) އާއި އީގަލްސް އަށް ކުޅުނު އަހުމަދު ހަސަން (އައްމަޑޭ) ވެސް ވިކްޓަރީގެ ސްކޮޑުން މިފަހަރު ފެންނާނެއެވެ.
ވިކްޓަރީގެ ސްކޮޑް މިފަހަރު ވަރަށް ވަރުގަދަ ކޮށްފައިވާއިރު، ކޯޗު އާތީއަކީ މީގެ ކުރިން 2014 ވަނަ އަހަރު ވެސް ވިކްޓަރީއަށް ކޯޗުކޮށްދިން އިތބާރު ކުރެވޭ ކޯޗެއްކަން ފާހަގަ ކުރެވެއެވެ.

ވިކްޓަރީގެ ކޯޗުގެ މަޤާމަށް އާތީ ސޮއިކުރަނީ / ފޮޓޯ: ވިކްޓަރީ
އާތީ އެނބުރި އެ ކްލަބަށް އައިސްފައިވަނީ ގިނަ ތަޖުރިބާތަކަކާއެކުގައެވެ. އެންމެ ފަހުން އޭނާ ވަނީ ދެވަނަ ޑިވިޝަން މުބާރާތުގައި އޮޑި ސްޕޯޓްސް ކްލަބަށް ކާމިޔާބުކޮށްދީފައެވެ.
އާތީ ވަނީ ގައުމީ ފިރިހެން ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމު ވެސް އަދާކޮށްފައެވެ. މީގެ ކުރިން ވިކްޓަރީގައި ހޭދަކުރި ދުވަސްތަކުގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ޓީސީ ސްޕޯޓްސް ކްލަބް، ވެލެންސިއާ، އަދި އީގަލްސް ފަދަ ކްލަބުތައް މެނޭޖްކޮށްފައި ވެއެވެ.




