އޮޑިޓް ރިޕޯޓް ހުށަނާޅާތީ 3 ސިޔާސީ ޕާޓީއެއް ބައިލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށަނާޅައިގެން ޖޫރިމަނާކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސްއާއި، އަހުމަދު އަދީބުގެ މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް، އެމްޓީޑީ އަދި ކާނަލް ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީ އެވެ.
ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާނަމަ، މަކަރާއި ހީލަތް ހެދިކަމަށް ތުހުމަތު ކުރެވޭނެއެވެ. އޭގެ ސަބަބުތަކުގެ ތެރޭގައި ޕާޓީގެ އިސް ފަރާތްކުން އަމިއްލަ ކަންކަމުގައި ނުވަތަ ނަހަމަ ގޮތުގައި ފައިސާ ބޭނުންކުރުމާއި، ހާމަނުކުރާ މަސްދަރުތަކުން ގަވާއިދާ ހިލާފަށް ފައިސާ ހޯދާފައި ވުމާއި، މާލީ މުއާމަލާތްތަކާއި ނުވަތަ ބޭންކް ޑީޓެއިލްތައް ފޮރުވުމާއި، ޤާނޫނާ ޚިލާފު ގޮތަކަށް ފައިސާ ހޯދާފައިވުން ނުވަތަ ފައިސާ ބޭނުންކޮށްފައިވުން ފަދަ ކަންތައްތައް ހިމެނެއެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަންގެ އިތުރުން އޮޑިޓަރ ޖެނެރަލަށް ހުށަހަޅަންޖެހެއެވެ. އެއްވެސް ޕާޓީއަކުން ޤާނޫނާ އެއްގޮތަށް މާލީ ރިޕޯޓެއް ހުށަހަޅާފައިނުވާނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޕާޓީ ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބެއެވެ.



