ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ފާހަގަ ކޮށްލެވޭ ހ.މިރިހިހައުސް ޙުސައިން ޝަރީފް ނުވަތަ ބޮލިފުށި ޝަރީފް ނިޔާވެއްޖެއެވެ.
ރިސޯޓް ތަރައްގީ ކުރުމަށް ބޮލިފުށި ކުއްޔަށް ހިފާފައިވާ ގޭޓްވޭ މޯލްޑިވްސްގެ މައި ހިއްސާދާރަކީ ޝަރީފް އެވެ. ބޮލިފުށީގެ އިތުރުން ފަތުރުވެރިކަމުގެ އެކިއެކި ވިޔަފާރިތަކުގައި ވެސް ޝަރީފް ވަނީ ހަރަކާތްތެރިވެފައެވެ.
ޝަރީފަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.
އުމުރުން 64 އަހަރުގައި ޝަރީފް ނިޔާވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އާދީއަތް ދުވަހުގެ މެންދުރުފަހުއެވެ.
އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ ނިޔާވުމާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ގިނަ ބަޔަކު ދަނީ އެކަމާ ހިތާމަކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އަދި ސިޔާސީ ފަރާތްތަކުންވެސް އެ ހިތާމައިގައި ބައިވެރިވެ ހަމްދަރުދީ ފާޅުކުރަމުން އެބަ ގެންދެއެވެ.
ޝަރީފްގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.



