މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަން ކަމަށް އަބްދުﷲ ޤިޔާސް އައްޔަންކޮށްފިއެވެ.
އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމަށް ޤިޔާސް އައްޔަންކުރުމަށް ނިންމާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.
ޤިޔާސް އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މަޓާޓޯގައި 10 އަހަރު މަސައްކަތް ކުރައްވާފައިވާއިރު ޤިޔާސް ވަނީ އެ ޖަމިއްޔާގެ ރައީސްކަންވެސް ކުރައްވާފައެވެ. އޭނާއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.
އެމްއެމްޕީއާރުސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޝްތިހާރުކޮށް، ޕްރޮމޯޓުކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށްގެންދާ ސަރުކާރުގެ ކުންފުންޏެކެވެ. އެ ކުންފުނީގެ ޗެއާޕާސަން ކަމުގައި މީގެ ކުރިން ހުންނެވީ އައިޝާ ނޫރައިން ޖަނާހް އެވެ. އެ މަޤާމު ހުސްވެފައިވަނީ ނޫރައިން މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަން ކުރީ ޑިސެމްބަރު 27، 2023 ގައެވެ. އޭނާ އަކީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރި ފުރަތަމަ ފަރާތްވެސް މެއެވެ.



