އެއް ބީލަމަށްވުރެ ގިނަ ބީލަން ހުށަހެޅޭ ގޮތަށް ތިލަފުށިން ބިން ވިއްކާ އުސޫލަށް ބަދަލު ގެނައުމުން، ބީލަންތައް ކާމިޔާބު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހިން ވިއްކަން ނިންމާފައިވާ ބިންތަކަށް ކޮންމެ ފަރާތަކަށްވެސް އެއް ބީލަން ހުށަހެޅޭ ގޮތަށް މީގެ ކުރިން އޮތް އުސޫލަށް ބަދަލު ގެނައުމަށްފަހު އެކުންފުނިން ބުނީ ހުށަހަޅާ ކޮންމެ ބީލަމެއްގެ އަދަދަކީ އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާ ބީލަމުގެ އަގަށްވުރެ މަދުވެގެން 15 ރުފިޔާގެ ބޮޑު އަދަދެއް ކަމަށް ވާން ޖެހޭނެ ކަމަށެވެ. އަދި ބީލަމުގެ އަދަދު ޖެހުމަށް ޚާއްސަކޮށްފައިވާ ގޮޅީގެ ބޭނުން ކޮށްގެން އެ ވަގުތެއްގައި އެންމެ މަތިން ހުށަހަޅާފައިވާ އަގަށް 15 ރުފިޔާއަށްވުރެ މަތިން އެފަރާތްތަކުން އިޚުތިޔާރުކުރާ ކޮންމެ އަދަދެއް އިތުރުކޮށްގެން ބީލަން ހުށަހެޅޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ބިންތަކުގެ ތެރެއިން ސިނާއީ ސަރަޙައްދުން ވިޔަފާރި އުޞޫލުން ތިން ސައިޒުގެ 108 ބިމެއް ވިއްކުމަށް ވަނީ ނިންމާފައެވެ.
އެއް ބިމަކަށް އެއް ފަރާތަކަށް ވުރެ ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފިނަމަ އެ ބިމެއް ވިއްކާނީ ބީލަމުގެ އުޞޫލުން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބީލަން ހުށަހެޅުމުގެ އެންމެ ކުޑަ އަގަކީ 1700 ރުފިޔާ ކަމަށެވެ.



