ދޫނި ކޮއްޓެއްގައި ބަންދުކޮށްގެން ބަޔަކަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައިވާއިރު، އެކަން އެގޮތަށް ކޮށްފައިވަނީ ރެސްޓޯރަންޓަކުން ކައިގެން ފައިސާ ނުދެއްކުމުން ކަމަށް ހާމަވެއްޖެއެވެ.
ސޯޝަލް މީޑީއާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި ކޮއްޓެއްގައި ދެ މީހަކު ބަންދުކުރުމަށްފަހު އެމީހުންގެ ގަޔަށް ފެން ޖަހައި އަނިޔާކުރާ މަންޒަރު ފެނެއެވެ. ބެލެވޭ ގޮތުގައި އެ ވީޑިއޯ ނަގާފައިވަނީ ދޫނި ކޮށީގައި ދެމީހުން ބަންދުކުރުމުގައި ބައިވެރިވި ބައެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބޭރުގައި ހުރި މީހަކު ހޮޅިއަކުން ކޮށި ތެރޭގައި ތިބި މީހުން ގަޔަށް ފެން ޖަހާތަން ފެނެއެވެ. އަދި އެމީހުންނާ މުހާތަބުކޮށް ކޮށިން ބޭރުގައި ހުރި މީހާ ވާހަކަ ދައްކަމުން ދިޔައިރު، ވީޑިއޯއިން އިވޭ އަޑުތަކުން ފާހަގަވީ ކޮށީގައި ދެ މީހަކު ބަންދުކުރީ ފައިސާއާ ގުޅޭ މައްސަލައެއްގައެވެ. އެގޮތުން ވީޑިއޯ ކުރި ފަރާތުން 39,000 ރުފިޔާގެ ވާހަކަ ބުނާ އަޑު އިވޭ އިރު، ކޮށީގައި ހުރި މީހުންގެ ތެރެއިން އެކަކު ލާރި ދޭނެކަމުގެ ޔަޤީންކަން ދީ އެކަމަށް ކުޑަ ވަގުތުކޮޅެއް ދިނުމަށް ވަނީ އެދިފައެވެ.
ފުލުހުން ބުނީ މި މައްސަލަ ހިނގާފައިވަނީ މާލޭގައި ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ދެ މީހަކު ކޮށްޓަށްލައި ބަންދުކުރުމަށް ފަހު ގޯނާ ކޮށްފައިވަނީ ރެސްޓޯރަންޓަކުން ކެއުމަށްފަހު ފައިސާ ނުދައްކާ މައްސަލައަކާ ގުޅިގެންކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.



