ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން 2025 އިން 2027 ވަނަ އަހަރާ ހަމައަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން އެދިއްޖެއެވެ.
ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤު ސޮއިކުރައްވާ ނެރުއްވާފައިވާ ސަރކިއުލަރއެއްގައި ވަނީ 2025 އިން 2027 ވަނަ އަހަރާ ހަމައަށް ލަފާކުރާ މެދުރާސްތާ ބަޖެޓު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައެވެ.
ކައުންސިލްތަކުން ބަޖެޓު ތައްޔާރުކިރާއިރު ފަންޑުތަކުގެ އާމްދަނީއާއި ޚަރަދު ވަކިން އެނގެން އޮންނަން ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީއާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީއާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އެނގެން އޮންނަން ވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަން ޖެހޭނީ މި އަހަރުގެ މެދުރާސްތާ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދަށްވުރެ އިތުރު ނުވާ ގޮތަށް ކަމަށެވެ.
މި އަދަދުތައް އަންނަ އަހަރުގެ މެދުރާސްތާ ބަޖެޓުގައި މުރާޖައާ ކުރުމަށް ނިންމާފައިވާކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އަދި ކައުންސިލްތަކުން ބަޖެޓު ފައިނަލް ކުރާނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން އަންނަ އަހަރުގެ މެދުރާސްތާގެ ބަޖެޓު ފާސްކުރުމުން އެ ބަޖެޓުގައިވާ އަދަދުތަކަށް ރިއާޔަތްކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.



