އެމްޑީޕީގެ ނުފޫޒު ކޯޓުތަކަށް އޮތް މިންވަރު މިހާރުވެސް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ކެންޑިޑޭޓެއްގެ ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ނުފޫޒު އެ ކޮމިޝަނުގައި ވަރަށް ބޮޑު ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވާ، މަޖިލިސް ރައިސް މުހައްމަދު އަސްލަމްގެ އިތުރަށް އެ ކޮމިޝަނުގެ ރައީސް ހިސާން ހުސައިންއަކީ ވެސް އެ ޕާޓީގެ މެމްބަރެކެވެ.
ކަން މިހެން އޮތްއިރު، ހައިކޯޓުގައި އޮތް ކުރީގެ ރައީސް ޔާމީންގެ މައްސަލަ ލަސްވެގެން، އެ މައްސަލަ އަަވަސްކުރަން ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް އަސްލަމް ވިދާޅުވުމާއެކު، އެ މައްސަލަ ކޯޓުގައި އެޖެންޑާ ވެގެންދިއުމަކީ ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ނުފޫޒު ކޯޓުތަކަށް އޮތް މިންވަރު ދައްކުވައިދޭ ހެއްކެކެވެ.
"މިއޮތްހާ ދުވަހު އެބޭފުޅުން ހިފެހެއްޓެވީ ނޫންތޯ. އެބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަކުރެވޭ،“ ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޯޓުތައް މިނިވަންކޮށް ބޭއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު، އެ ވައުދު ފުއްދުމުގައި ދެމިހުންނަވާނޭ ކަމުގެ ޔަގީންކަން ރައީސް ވަނީ ތަކުރާރު ކުރައްވާފަ އެވެ.
ޖޭއެސްސީ މިނިވަން ވާނީ، ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ނުފޫޒު ނެތް ބޭފުޅުން މަޖިލީހަށް އިންތިހާބު ވެގެންނެވެ.








