ކޮއްޓެއްގައި ބަންދުކޮށް ބަޔަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ކޮއްޓެއްގައި ބަޔަކު ބަންދުކޮށް އެމީހުންނަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ. މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވަނީ ކޮއްޓެއްގައި ދެ މީހަކު ބަންދުކުރުމަށް ފަހު އެމީހުންގެ ގަޔަށް ފެން ޖަހައި އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބޭރުގައި ހުރި މީހަކު ހޮޅިއަކުން ކޮށި ތެރޭގައި ތިބި މީހުން ގަޔަށް ފެން ޖަހާތަން ފެނެއެވެ. އަދި އެމީހުންނާ މުހާތަބުކޮށް ކޮށިން ބޭރުގައި ހުރި މީހާ ވާހަކަ ދައްކަމުން ދިޔައިރު، ވީޑިއޯއިން އިވޭ އަޑުތަކުން ފާހަގަވީ ކޮށީގައި ދެ މީހަކު ބަންދުކުރީ ފައިސާއާ ގުޅޭ މައްސަލައެއްގައި ކަމަށެވެ.
އެ ކޮއްޓަކީ މާލޭގެ އާޓިފިޝަލް ބީޗު ސަރަޙައްދުގައި ހުރި ކޮއްޓެއް ކަމަށް ބެލެވެއެވެ.
މި މައްސަލަ ތަހުޤީޤު ކުރަމުން އަންނަ ނަމަވެސް މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މިފަދަ މައްސަލަތަކާއި ކުޑަކުދިންނަށް ބުލީކުރުމުގެ މައްސަލަތަކާ ގުޅޭ މަންޒަރުތައްވެސް ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާގައި އާންމުވެއެވެ.



